ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއަށް ސިޔާސީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން ބުނެފިއެވެ.
މުޅި ދުނިޔެއިން ކޯވިޑް-19އާ ހަނގުރާމަކުރަމުންދާ ދަނޑިވަޅެއްގައި ޑަބްލިއުއެޗުއޯއަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް ދެމުންދިޔަ އެމެރިކާއިންވަނީ އެ ޖަމްޢިއްޔާއިން ޢަމަލު ކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހި އެ ޤައުމުން ދެމުންދިޔަ މާލީ އެހީތެރިކަން މެދުކަނޑާލައިފައެވެ. ޑަބްލިއުއެޗުއޯއަށް އަހަރަކު 400 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަމެއް އެމެރިކާއިން ދިޔައީ ފޯރުކޮށްދެމުންނެވެ. އެއީ އެ ޖަމްޢިއްޔާގެ ބަޖެޓުގެ 15 އިންސައްތައެވެ. މާލީ އެހީތެރިކަން ކަނޑާލުމަށް އެމެރިކާއިން ނިންމި ނިންމުމަށް ގިނަ ޤައުމުތަކެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.
ޑަބްލިއުއެޗުއޯގެ ސެކެޓްރީ ޖެނެރަލް ޓެޑްރޮސް އެދަނޮމް ގެބްރިއޭސުސް ވިދާޅުވީ އެ ޖަމްޢިއްޔާއަށް ބޭނުންވާ މާލީ އަދި ސިޔާސީ އެހީތެރިކަން ލިބެމުންދާނެކަމަށެވެ. ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއެކު ކުރި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުކުންނާނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.
ޖަރުމަނުވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު ޔެންސް ސުޕާން ވިދާޅުވީ ބައިނަލްއަޤްވާމީ މައްސަލައަކަށް ޤައުމީ ފެންވަރެއްގައި ވަކިން ފިޔަވަޅުއެޅުމަކީ އޭގެ ނަތީޖާ ހިތިވާނެކަމެއްކަމަށެވެ. ޑަބްލިއުއެޗުއޯއަށް 561 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ އަދި ފަންނީ އެހީތެރިކަން ޖަރުމަނުވިލާތުން ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މިހާތަނަށް އެ ޖަމްޢިއްޔާއަށް އެހީގެ ގޮތުގައި ދޭ އެންމެ ބޮޑު ޢަދަދުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސުޕާން ވިދާޅުވީ ޑަބްލިއުއެޗުއޯގެ ބޭނުން ދުނިޔެއަށް އެންމެ ބޮޑަށް ޖެހިފައިވާ ވަގުތަކީ މިއީކަމަށެވެ.
ފަރަންސޭސިވިލާތުންވަނީ 101 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް އެ ޤައުމުގެ ލިޔޯނުގައި ހުންނަ ޑަބްލިއުއެޗުއޯގެ ދިރާސީ މަރުކަޒަށް ދިނުމުގެ އިތުރުން 56 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރު އެހީތެރިކަމެއް ދޭނެކަމަށް ބުނެފައެވެ. ފަރަންސޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު އޮލިވިއޭ ވެއިރަން ވިދާޅުވީ ކޯވިޑް-19ގެ ޙައްލަކަށް މުޅި ދުނިޔެ ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައި އެކަމަށް ޙައްލެއް ފޯރުކޮށްދެވޭނީ ހަމައެކަނި ޑަބްލިއުއެޗުއޯއަށްކަމަށެވެ.