ކުޅިވަރު

30 އަހަރަށްފަހު ލިވަޕޫލަށް ލީގުގެ ޗެމްޕިއަންކަން


ތިރީސް އަހަރުގެ ދިގު އިންތިޒާރަކަށްފަހު ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއެކު ލިވަޕޫލަށް ޗެމްޕިއަންކަން ކަށަވަރުވީ ލީގުގައި ބާކީ ހަތް މެޗު އޮތްވެއެވެ. މީ ލިވަރޕޫލުން ލީގު ކާމިޔާބުރި ނަވާރަ ވަނަ ފަހަރެވެ. އެޓީމަށް އެންމެފަހުން ލީގުގެ ތަށި އުފުލާލީ 1989 ވަނަ އަހަރުއެވެ.

ލިވަޕޫލަށް ލީގު ކަށަވަރުވީ، ދެ ވަނައިގައި އޮތް ސިޓީ އަށް ބާކީ އޮތް ހަތް މެޗުން ލިވަޕޫލް އަތުލުމުގެ މެތެމެޓިކަލް ފުރުސަތު ގެއްލުމުންނެވެ. ލިވަޕޫލް 31 މެޗުން 86 ޕޮއިންޓް ހޯދާފައިވާއިރު ސިޓީ އަށް 31 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. ބާކީ ހަތް މެޗުން ސިޓީ މޮޅުވިޔަސް އެއްކުރެވޭނީ 84 ޕޮއިންޓެވެ.

ރޭގެ މެޗު ޗެލްސީ ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ލަނޑު ޗެލްސީން ކާމިޔާބު ކުރީ ފުރަތަމަ ހާފްގެ 36 ވަނަ މިނިޓްގައި ކްރިސްޓަން ޕުލިސިޗްއެވެ. މެޗުގެ ނަތީޖާ ސިޓީއަށް ހަމަހަމަކޮށްދިނީ ދެވަނަ ހާފްގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކެވިން ޑި ބްރޭނާއެވެ.

މި މެޗުން ޗެލްސީ މޮޅުވީ 78 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ވިލިއަން ޖެހި ގޯލުންނެވެ. މި ޕެނަލްޓީ އަކީ ގޯލް ރޮނގު މަތިން، ސިޓީގެ ފެނާންޑީނިއޯ ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އަދި ފެނާންޑީނިއޯއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިމޮޅާއެކު ޗެލްސީ ވަނީ ގަދަ ހަތަރެއްގައި ފަސް ޕޮއިންޓް ލީޑެއް ނަގާފައެވެ. އެއީ 54 ޕޮއިންޓް ހޯދައިގެންނެވެ މިއީ ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށްވުރެ ފަސް ޕޮއިންޓް އިތުރު އަދަދެކެވެ.