ޚަބަރު

ސުޝާންތްގެ އެންމެ ފަހު ފިލްމް އަންނަމަހު


ދާދީ ފަހުން މަރުވި ބޮލީވުޑް ޒުވާން ތަރި ސުޝާންތު ސިންގް ރާޖްޕުތު މަރާއި ގުޅިގެން ދެކެވޭ ވާހަކަތަކަށް އަދިވެސް ނިމުމެއް ނާދެއެވެ. އެހެންނަމަވެސް އޭނާގެ ފޭނުންނަށް މިވަނީ އުފާވެރި ހަބަރެއް ލިބިފައެވެ.

ސުޝާންތް މަރުވުމުގެ ކުރިން އެެނާ ފުރިހަމަ ކުރި ފިލްމު " ދިލް ބޭޗާރާ " ނެރޭނެ ތާރީހު މިވަނީ އިއުލާންކޮށްފައެވެ. ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި ފިލްމު އަންނަ މަހުގެ 24 ވަނަދުވަހު އަންނަނީ ޑިޖިޓަލް ޕްލެޓް ފޯމަށެވެ. ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޑިޒްނީ ޕްލަަސް ހޮޓް ސްޓަރ އިންނެވެ. މި ފިލްމް ނެރޭ ފަރާތުން ވަނީ ސުޝާންތް ސަޕޯޓަރުން އުފާވެރި ހަބަރެއްވެސް ދީފައެވެ. އެގޮތުން ޑިޒްނީ ޕްލަަސް ހޮޓް ސްޓަރއަށް ސަބްސްކްރައިބް ކޮށްފައިނުވާ ސުޝާންތްގެ ސަޕޯޓަރުންނަށްވެސް ހިލޭ މި ފިލްމު ބަލާލެވޭނެއެވެ.

" ދިލް ބޭޗާރާ " އަކީ 2014 ވަނަ އަހަރު ނުކުތް ހޮލީވުޑްގެ ކާމިޔާބު ފިލްމް "ފޯލްޓް އިން އަވަރ ސްޓާސް" ގެ ރީމޭކެކެވެ. މި ފިލްމްގައި ސުޝާންތް އާއި އެއްކޮށް ލީޑްރޯލުން ފެނިގެންދާނީ ސަންޖަނާ ސާންގީއެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން ސައިފް އަލީ ހާންވެސް ފެނިގެންދާނެއެވެ. ފިލްމު ޑައިރެކްޓްކޮށްފައިވަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ މަޝްހޫރު ކާސްޓިން ޑައިރެކްޓަރ މުކޭޝް ޗަބްރާއެވެ.

އުމުރުން 34 އަހަރު ސުޝާންތަ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 14 ވަނަދުވަހުއެވެ. އަދި އެނާ މަރުވީ އަމިއްލައަށްކަމަށް ޕޯސްޓްމޯޓަމްތަކާއި ހަވާލާދީ މުމްބާއީގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. ސުޝާންތެގެ ފިލްމުތަކުން އެންމެފަހުން އެނާ ކުޅުނު ފިލްމް " ޑްރައިވް" ވެސް ރިލީޒްކޮށްފައިވަނީ ޑިޖިޓަލްކޮށެވެ. އެ ފިލްމަށް މާބޮޑު ކާމިޔާބީ އެއް ނުލިބުނު ނަމަވެސް ސިނަމާތަކަށް ނެރުނު ސުޝާންތްގެ އެންމެ ފަހު ފިލްމް "ޗިޗޯރް" ވަނީ ބޮކްސް އޮފީހުގައި ކާމިޔާބީތަކެއް ހޯދާފައެވެ.