ޚަބަރު

އާންމު ދަތުރުފަތުރަށާއި ފަތުރުވެރިކަމަށް ހުޅުވާލުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާމެދު މަޝްވަރާކޮށްފި


އަންނަ ޖުލައި މަހު 15ގައި ޢާންމުދަތުރުތަކަށާއި ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢާންމުދަތުރުތަކަށާއި ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލުމުގެ ކުރިން ކަމާގުޅުންހުރި ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ އިސްވެރިންނާއި މަޝްވަރާކުރައްވައި، އެ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އެގޮތުން ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލުމާބެހޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި އަދި ކޯވިޑް-19އަށްފަހު ރާއްޖެ އަލުން ހުޅުވާލާއިރު އެކި ދާއިރާތަކުން ފުރިހަމަ ކުރަންޖެހޭ އިންތިޒާމުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި، ފަތުރުވެރިންނާއި، ފަސިންޖަރުންގެ ސަލާމަތަށް އެއަރޕޯޓްތަކުގައި އަޅާނެ ފިޔަވަޅުތަކާއި، ކޯވިޑް-19އަށް ސްކްރީންކުރުމުގެ ކަންކަން އެއަރޕޯޓްތަކާއި، ފަތުރުވެރިކަމުގެ ދާއިރާ ކުރިޔަށްގެންދާނެ ގޮތްތަކާއި، މިކަންކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުންވެސް ހިމެނެއެވެ.

މިއަދުގެ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނާއިބް ރައީސް ފައިޞަލް ނަސީމާއި، ކަމާގުޅުންހުރި ވުޒާރާތަކުގެ ވަޒީރުންނާއި، ޞިއްޙީ މާހިރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސްފަރާތްތަކާއި، އެއަރޕޯޓްތަކާއި އަދި އިމިގްރޭޝަންގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމާ ގުޅޭ ބައެއް އިދާރާތަކުގެ އިސްވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.