ޚަބަރު

އަޑުގެ އާކައިވްގަ ހުރި މައުލޫމާތު އާންމުންނަށް ލިބުން މުހިންމު


ދިވެހިރާއްޖޭގެ އަޑުން މީގެ އެތައް އަހަރުތަކެއް ކުރިން ފަށައިގެން ކުރިއަށް ގެންދާ ކުރުވާހަކަ މުބާރާތުގެ ވާހަކަތައް ފޮތެއްގެ ގޮތުގައި ވިޔަސް އަދި އެހެން ވަޞީތަލެއް މެދުވެރިކޮށްވެސް ދިވެހި ރައްޔިތުންނަށް ލިބޭނެ ގޮތް ވުމަކީ މިއަދުން މިއަދަށްވެސް ކޮންމެހެން މުހިންމުކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.ނިހާން މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން މި އަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދިޔަ ތިން މުބާރާތެއްގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.ރޭގެ ރަސްމިއްޔާތުގައި ނިހާން ވިދާޅުވީ، ދިވެހި ރާއްޖޭގެ އަޑުގައި ހުރި އަގުހުރި އަދި އެތަކެއް ސަތޭކަ އަހަރުވީ އާކައިވް ގައި ހުރި މައުލޫމާތަކީ މިއަދު ކޮންމެ ރައްޔިތަކަށް ލިބުން ވަރަށް މުހިންމު މައުލޫމާތުތަކެއްކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މަޢުލޫމާތު ޓެކްނޮލިޖީ މެދުވެރިކޮށް ލިބޭނެ މަގު ފަހިވުމަކީ އެމަނިކުފާނުގެ އުއްމީދެއްކަމަށާއި، އެކަން ތަންފީޒުކުރެއްވުމަށް ޕަބްލިކް ސަރވިސް މީޑިއާ އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުގެ ސިޔާސަތުގެ ތެރެއިންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދެއްވާނެކަމުގެ ޔަޤީންކަންވެސް ނިހާނު ވަނީ ދެއްވާފައެވެ.މީގެ އިތުރުން ނިހާންވަނީ ކިތަންމެ ޓެކްނޮލޮޖީއެއް ކުރިއަރައިގެން ދިޔަނަމަވެސް އެއްވެސް ބަޔަކު ރޭޑިއޯ ނުވަތަ ރޭޑިއޯގެ އަޑު ދޫނުކުރައްވާނެކަމަށާއި، ދިވެހިރާއްޖޭގެ އަޑުމެދުވެރިކޮށް ދިވެހި ޤައުމަށާއި ވަކި ވަކި ފަރުދުންނަށް ލިބުނު ކުރިއެރުންތައް ފާހަގަކުރައްވާފައެވެ.ރޭގެ ރަސްމިއްޔާތުގައި ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު އިކްރާމް އަބުުދުއްލަތީފްގެ ވާހަކަފުޅުގައި ވަނީ ވަރަށް އުއްމީދީ އުފާވެރި ޚަބަރުތަކެއް ދެއްވާފައެވެ. އެގޮތުން ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ކިޔަވާ ކުދިންނަށާއި، ދިރާސާކުރައްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ އަޑުގައި ހުރި މައުލޫމާތުތައް ލިބޭނެގޮތް ހައްދަވާނެކަމަށް ވިދާޅުވިއެވެ.އެގޮތުން އެހުންތެރިންގެ ފޯނުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދިފައިވާ މަޝްހޫރު ޑްރާމާތަކާއި ޕްރޮގްރާމްތައް އަޑު އެހުމުގެ ފުރުޞަތު ދާދީ އަވަހަށް ލިބިގެންދާނެކަމުގެ އުފަވެރި ޚަބަރު އިކްރާމް ދެއްވިއެވެ.ޕަބްލިކް ސަރވިސް މީޑިއާއިން ކައިރި މުސްތަޤްބަލެއްގައި ކުރެއްވުމަށް ނިންމަވާފައިވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާ ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ނޫސް އެޖެންސީއެއް އުފެއްދުމާއި، މިޑިއާ އެކެޑެމީ އެއް އުފެއްދުމާއި އޮންލައިން ފުޅާކުރެއްވުމާއި، ރާއްޖޭގެ އެންމެ މަަޤްބޫލު ނިވްސް އެޖެންސީއަށް ޕަބްލިކް ސަރވިސް މީޑިއާ ހައްދަވާނެކަމަށް ވިދާޅުވިއެވެ.މީގެ އިތުރުން ސަރުކާރުން ރައްޔިތުންގެ ފައިދާ އާއި ލާބައަށް ކުރައްވާ މަސައްކަތް ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވިއެވެ. އެގޮތުން ރައީސުލް ޖުމުހޫރިއްޔާގެ ރިޔާސީ ވައުދުގެ ތެރެއިން ޒުވާނުންގެ ކުރިއެރުވުމަށް ޒުވާނުންނާއި ، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ޗެނަލްއެއް މިއަހަރު ތެރޭގައި އުފައްދަވާނެކަމަށް ވިދާޅުވިއެވެ.ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އިކްރާމް ވަނީ ރައްޔިތުންގެ މަޖިލީހުން ، ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގެ ދަށުން މަތިކޮށްފައިވާ ހުރިހާ ޒިންމާއެއް އެންމެ ފުރިހަމަ ގޮތުގައި ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.