ޚަބަރު

މި މިޙާލަތުގައިވެސް ދަތިކަމެއް ނެތި މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ލިބޭނެ - ރައީސް

ކޯވިޑް-19 މިދަތި މިޙާލަތުގައިވެސް ދަތިކަމެއް ނެތި ދަރިވަރުންނަށް މަތީ ތަޢުލީމްގެ ފުރުޞަތުތައް ދެމުން ގެންދާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިކަން ހާމަ ކުރައްވައި ރައީސުލް ޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން ދަތިތައް ދިމާވި ނަމަވެސް ސަރުކާރުގެ އަމާޒަކީ ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ. އެގޮތުން ސްޓޫޑަންޓު ލޯނު ދިނުމާއި ހަޔަރ އެޗީވާސް ސްކޮލާޝިޕާއި އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕުތައް ދެމުން ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިގޮތަށް ހާމަކުރެއްވިއިރު ސަރުކާރުން ގެންދަވަނީ ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަން ތިބި ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ސަރުކާރުން މިއަދު ވަނީ މިއަހަރު 514 ދަރިވަރަކަށް ވަނީ ލޯނު ދޫކޮށްފައެވެ.

އަދި ދާދިފަހުން ސަރުކާރުން ވަނީ ރައިސުލް ޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕްއާއި ހަޔަރ އެޗީވާސް ސްކޮލާޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މީގެ އިތުރުން ސަރުކާރުން ކުރިއަށްގެންދާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގައިވެސް 5000އަށް ވުރެ ގިނަ ދަރިވަރުން ދަނީ ތަޢުލީމް ހާސިލް ކުރަމުންނެވެ.