ޚަބަރު

މަތީ ތައުލީމުގެ ލޯނު 514 ދަރިވަރަކަށް ދީފި


މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާލި ސްޓޫޑެންޓް ލޯނު ލިބުނު 514 ދަރިވަރުންނަށް ލޯނު ދޫކޮށްފިއެވެ.
މިއީ ސްޓޫޑެންޓް ލޯން ދޭ އުޞޫލަށް ބަދަލުގެނެސް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާސިލްކުރަން ހުޅުވާލީ ފުރަތަމަ ފަހަރެވެ. އެގޮތުން މި ބުރުގައި 550 ފުރުޞަތު ހުޅުވާލިއިރު މިކަމަށް 151 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

ސްޓޫޑެންޓް ލޯނު ލިބުނުކަމުގެ މަޢުލޫމާތު ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވީ މިއަހަހަރު ހުޅުވާލި ފުރުޞަތުގައި 1000 އަށ ވުރެ ގިނަ ދަރިވަރުން ލޯނަށް އެދިފައިވާކަމަށެވެ. އަދި މީގެ ތެރެއިން ޝަރުތުހަމަވާ 514 ދަރިވަރަކަށް ލޯނު ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރޭގައި ލައިސަންސް ހޯދަންޖެހޭ ދާއިރާތަކުން ކިޔެވުމަށް ލޯނު ދޫކުރި 15 ދަރިވަރަކާއި ޑިޕްލޮމާ ފެންވަރަށް ކިޔަވާ 48 ދަރިވަރަކާއި ފުރަތަމަ ޑިގްރީއަށް ކިޔަވާ 264 ދަރިވަރެއްވެސް ހިމެނެއެވެ. މީގެ އިތުރުން މާސްޓާސް ޑިގްރީއަށް ކިޔަވާ 160 ދަރިވަރަކާއި ޕީއެޗްޑީއަށް ކިޔަވާ 27 ދަރިވަރަކުވެސް ހިމެނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ޙަސަން ވިދާޅުވީ ކުރިން ލޯނު ދެމުން އަންނަ ބައިނަލްއަގުވާމީ ލައިސެންސް ކެޓަގަރީއަށް ކުރިން ލޯނު ނަގަނީ ހަމައެކަނި ޕައިލެޓު ކަމުގެ ދާއިރާއިން ނަމަވެސް މިފަހަރު ތަފާތު ދާއިރާތަކުން ލައިސަންސް ހޯދުމަށް ލޯނު ނަގާފައިވާކަމަށެވެ. އެގޮތުން އެއާޓްރެފިކް ކޮންޓްރޯލިން އާއި މެރިން އަދި އެއާކްރާފްޓް އިންޖިނިއަރިންގެ ލައިސަންސް ހޯދުމަށްވެސް ހުށައަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އިންތިޚާބީ ދާއިރާތަކަށް ހުޅުވާލީ ފުރުޞަތުގައި 46 ދަރިވަރަކު ކުރިމަތިނަމަވެސް ލޯނު ދީފައިވަނީ ޝަރުތު ހަމަވި 10 ދަރިވަރަކަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

" އެމްބީބީއެސް ކިޔެވުމަށް 15 ކުދިންނަށް ލޯނު ދިން. ޕޯސްޓް ގުރެޖުއޭޓް އިން މެޑިސިން ކިޔެވުމަށް 22 ކުދިން އަދި ޕީއެޗްޑީ ކެޓަގަރީ 1 އިން 21 ކުދިންނަށް ލޯނު ދިނިން. އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ދަރިވަރުން ފަރާތުން ލިބުނު އެޕްލިކޭޝަންގެ ފެންވަރު ރަނގަޅުކަން. ކުރިއާ ހިލާފަށް، ވަރަށް ގިނަ ދަރިވަރުން ކޮލިޓީ އެޕްލިކޭޝަންތަކެއް ހުށަހެޅި..ލޯނު ލިބިފައި ތިބި ދަރިވަރުންގެ ތަފްސީލު ވެބްސައިޓުގައި އަޕްލޯޑު ކުރެވޭނެ. އަދި ޕޯޓަލް މެދުވެރިކޮށް އެމީހުންގެ ލޯނުގެ ނަތީޖާ ލިބެމުންދާން ފަށާނެ" މިނިސްޓަރު ވިދާޅުވިއެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ލޯނު ސްކީމުގެ ތެރެއިންވެސް ޚާއްސަ ދާއިރާތަކަކުން ސްލޮޓުތައް ރިޒާރވް ވަނީ ކޮށްފައެވެ. އަދި އެ ސްލޮޓުތައް ކަނޑައަޅާފައިވަނީ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ ޓްރެއިނިންގ ނީޑް އެނާލިސިސްގެ ހޯދުންތަކާއި، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް ރިޢާޔަތްކުރުމަށްފަހުގައެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަން އަދި މެޑިކަލްގެ ދާއިރާއިން ޚާއްސަ ސްލޮޓުތަކެއް ވަނީ ކަނޑައަޅާފައެވެ.

ލޯނު ދޫކުރުމުގެ އުޞޫލަށް ހަޔަރ އެޑިއުކޭޝަނުން ގެނައި ބަދަލުގައިވާގޮތަށް މާލީގޮތުން ފުދުންތެރިކަން ނެތް ފަރާތްތަކަށް ޚާއްސަ އަޙައްމިއްޔަތުކަމެއް މިފަހަރު ދީފައިވާކަމަށް ހަޔަރ އެޑިއުޚޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާރުވެސް ލޯނު ނަގައިގެން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، ކިޔެވުން ފުރިހަމަ ނުކުރާ ދަރިވަރުންނަށްވެސް ވަނީ އިސްކަންދީފައެވެ.