ޕާކިސްތާނަށްވުރެ ޗައިނާގެ ނުރައްކާތެރިކަން އިންޑިޔާއަށް ބޮޑުކަމަށް އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ދިރާސާގައި ބައިވެރިވި މީހުންގެ 68 އިންސައްތަ މީހުން ޤަބޫލުކުރާ ގޮތުގައި ޕާކިސްތާނަށްވުރެ ޗައިނާގެ ނުރައްކާތެރިކަން އިންޑިޔާއަށް ބޮޑެވެ. އިންޑިޔާގެ އެންމެ ބޮޑު ހަތުރުކަމަށްވާ ޕާކިސްތާނަކީ ޗައިނާއަށްވުރެ ބޮޑު ނުރައްކަލެއްކަމަށް ޤަބޫލުކުރަނީ ދިރާސާގައި ބައިވެރިވި މީހުންގެ 32 އިންސައްތައެވެ. އެ ދިރާސާކޮށްފައިވަނީ އިންޑިޔާއާއި ޗައިނާގެ ސަރަޙައްދީ ރޮނގުގައި ކުރިމަތިލުންތަކެއް ހިނގާ އިންޑިޔާ ސިފައިންގެ 20 މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ.
ޤައުމުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އޮތް އިތުބާރު ބޮޑުކަމަށް ދިރާސާގެ ބައިވެރިންގެ 72.6 އިންސައްތަ ޤަބޫލުކުރެއެވެ. ނަމަވެސް ޗައިނާއާއި އިންޑިޔާއާ ދެމެދު އުފެދިފައިވާ މައްސަލަތަކާ ގުޅިގެން އިންޑިޔާއިން ރަނގަޅު ރައްދެއް ދީފައިވާކަމަށް ގިނަ މީހުން ޤަބޫލެއް ނުކުރެއެވެ. އެ މައްސަލައިގައި އިންޑިޔާއިން އަޅާފައިވާ ފިޔަވަޅުތައް ރަނގަޅުކަމަށް ޤަބޫލުކުރަނީ ދިރާސާގައި ބައިވެރިވި މީހުންގެ 39 އިންސައްތައެވެ.
އެ މައްސަލައާ ކުރިމަތިލުމުގައި އިދިކޮޅު ފަރާތްތަކަށްވުރެ މޯދީގެ ސަރުކާރުން ޤާބިލުވާނެކަމަށް 73.6 އިންސައްތަ މީހުން ޤަބޫލުކުރެއެވެ. 9.6 އިންސައްތަ މީހުން ދެކޭ ގޮތުގައި ސަރުކާރަށްވެސް އިދިކޮޅު ފަރާތްތަކަށްވެސް ޗައިނާގެ މައްސަލައިގައި އެދެވޭ ފިޔަވަޅުތަކެއް އެޅުމުގެ ޤާބިލުކަމެއް ލިބިފައެއް ނުވެއެވެ.
މޯދީއާއި އިދިކޮޅު ކޮންގްރެސް ޕާޓީގެ ވެރިޔާ ރާހުލް ގާނދީގެ ތެރެއިން ޗައިނާގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދުމަށް ބޮޑަށް ޤާބިލުވާނީ މޯދީކަމަށް ގިނަ ބަޔަކު ޤަބޫލުކުރާކަމަށް ދިރާސާއިން ދައްކައެވެ. ދިރާސާގައި ބައިވެރިވި މީހުންގެ 61 އިންސައްތަ މީހުން ބުނާ ގޮތުގައި އެދެވޭ ފިޔަވަޅުތަކެއް އެޅުމުގެ ޤާބިލުކަން ޗައިނާ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުއްވާ ގާނދީއަށް ލިބިފައެއް ނުވެއެވެ.
ޗައިނާއާއި އިންޑިޔާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމާ ގުޅޭގޮތުން ސުވާލުކުރުމުން ދިރާސާގައި ބައިވެރިވި މީހުންގެ
68 އިންސައްތަ ބުނީ ޗައިނާގެ އުފެއްދުންތައް އެތެރެކުރުން އިންޑިޔާއިން ހުއްޓާލާނެކަމަށެވެ. ޗައިނާގެ އުފެއްދުންތައް އެތެރެކުރުން ހުއްޓާނުލާނެކަމަށް ބުނީ 31 އިންސައްތަ މީހުންނެވެ.