މިދިޔަ މެއި މަހުގެ ތެރޭގައި ޕާކިސްތާނުގެ މަތިންދާބޯޓެއް ވެއްޓި 97 މީހުން މަރުވި ހާދިޘާގައި ބޯޓު ދުއްވަން ތިބި ދެ ޕައިލެޓުންވަނީ ކޯވިޑް-19ގެ ނުރައްކަލާމެދު ކަންބޮޑުވުން ފާޅުކޮށް ދަތުރުމަތީގައި އެކަމާމެދު ވަރަށް ބޮޑަށް ވާހަކަ ދައްކާފައިކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ވެއްޓުނު ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ މަތިންދާބޯޓު ދަތުރުކުރީ 99 ފަސިންޖަރުންނާއި 8 ފަޅުވެރިންނާއެކު ލާހޫރުން ކަރާޗީގެ ޖިނާޙް އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ކަރާޗީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް މަތިންދާބޯޓު ވެއްޓުނީ އޭގެ ދެ އިންޖީނުވެސް ހުއްޓިގެންނެވެ.
މަތިންދާބޯޓު ވެއްޓުނު ހާދިޘާ ތަހުޤީޤުކުރުމަށްފަހު އެކުލަވާލި ރިޕޯޓު ޤާނޫނުހަދާ މަޖިލީހާ ޙިއްޞާކުރައްވަމުން ޕާކިސްތާނުގެ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރު ގުލާމް ސަރުވާރު ޚާން ވިދާޅުވީ އެ މަތިންދާބޯޓަށް އެއްވެސް މައްސަލައެއް ދިމާވެފައިވާކަން ފާހަގަކުރެވިފައިނުވާކަމަށާއި އޭގައި ތިބި ޕައިލެޓުންނަކީވެސް ވަރަށް ތަޖުރިބާކާރު، އެއްވެސް ޞިއްޙީ މައްސަލައެއް ނެތް ދެ މީހުންކަމަށެވެ. މަތިންދާބޯޓުގެ ރެކޯޑުތަކުން ދައްކާގޮތުގައި ކަރާޗީއަށް މަތިންދާބޯޓު ޖެއްސުމަށް ފުރޮޅު ތިރިކޮށްފައިވަނީ ރަންވޭއާ 10 ނޯޓިކަލް މޭލު ދުރުންނެވެ. ނަމަވެސް 5 ނޯޓިކަލް މޭލަށް ކައިރިވެފައިވަނިކޮށް ފުރޮޅު އަލުން އުފުލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މަތިންދާބޯޓު ޖައްސަން އުޅުނު ވަގުތުވެސް ޕައިލެޓާއި ކޯޕައިލެޓު ކޯވިޑް-19ގެ ވާހަކަ ވަރަށް ބޮޑަށް ދައްކާފައިވާކަމަށް ޚާން ވިދާޅުވިއެވެ. އެ މީހުންގެ ޢާއިލާއަށް ބަލީގެ އަސަރުކޮށްފައިވުމުން ބައްޔާމެދު ދެ ޕައިލެޓުންވެސް ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރިޕޯޓުގައިވާގޮތުގައި މަތިންދާބޯޓުގައި ތިބި ޕައިލެޓުންނާއި އެއަރ ޓްރެފިކް ކޮންޓްރޯލުގައި ތިބި މުވައްޒަފުންވެސް ކަނޑައެޅިފައިވާ އުޞޫލުތަކަށް ޢަމަލުކޮށްފައެއް ނުވެއެވެ. އެގޮތުން، މަތިންދާބޯޓު ދުއްވި ބާރުމިނުގައި މައްސަލަތަކެއް ހުރުމުންނާއި ފުރޮޅު ތިރިކޮށްފައި ނެތުމާއި ބިމާ މާބޮޑަށް ކައިރިވުމުން ދިން އިންޒާރުތަކަށް ފަރުވާ ނުބެހެއްޓުން ހިމެނޭކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މަތިންދާބޯޓު ޖައްސަން ފުރޮޅު ތިރިނުކުރުމުން ބިމުގައި ޖެހުނީ އިންޖީނުކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ފަހުގެ ތާރީޚެއްގައި ޕާކިސްތާނުގައި ހިނގި އެންމެ ނުރައްކާތެރި އެއް ޙާދިޘާގައި މަތިންދާބޯޓު ދުއްވަން ތިބި ޕައިލެޓުންވެސްވަނީ މަރުވެފައެވެ.