ކަނޑު ދަތުރުކުރަން ބޭނުންވާ ޒުވާނުންނާއި ސުޕަރޔޮޓްފަހަރުގައި މަސައްކަތްކުރަން ބޭނުންވާ ޒުވާނުންނަށް ތައުލީމާއި ތަމްރީންދީ އެދާއިރާ ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ސީ ފެއަރރާސް ދުވަހާއި ގުޅިގެން ދެއްވި ޚިޠާބުގައެވެ.
ދުނިޔޭގެ ކަނޑު ދަތުރުފަތުރުކުރާ މީހުންގެ ދުވަހާއި ގުޅިގެން ދެއްވި ޚިޠާބުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢައިޝަތު ނަހުލާ ވިދާޅުވީ ކަނޑުގެ އެކި އުޅަނދުތަކުގައި ދަތުރުކުރަން ބޭނުންވާ ޒުވާނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެދަށުން މިހާރު 30 ނެވިގޭޝަން އޮފިސަރުންނާއި 30 އިންޖިނިއަރިންގ އޮފިސަރުން ތަމްރީނުކުރުމަށް ނިންމައި އެކަމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާކަމަށެވެ. މީގެއިތުރުން ރާއްޖޭގައި ކަނޑު ދަތުރުފަތުކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ސީފެއަރރާސް އައިޑެންޓީޓީ ޑޮކިއުމަންޓް ތަޢާރަފްކުރުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ ނަހުލާވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ ކަނޑު ދަތުރުކުރުމުގެ ސިނާޢަތްކުރިއެރުވުމަށް ސަރުކާރުން މަސައކަތްކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން މިއަހަރުގެތެރޭގައި އުފެއްދި ޤައުމީ ޝިޕިންގ ކުންފުންޏަކީ މިއަމާޒުގެ ދަށުން ކުރެވުނު މުހިއްމު މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިސިނާޢަތް ކުރިއެރުވޭނީ ބައިނަލްއަޤުވާމީ ޝިޕިންގ ކޮމިއުނިޓީ ޤަބޫލުކުރާ ފެންވަރަށް ރާއްޖޭގެ ޝިޕިންގ ސިނާޢަތުގެ މިންގަނޑުތައް ހިފެހެއްޓިގެންކަމަށެވެ. އެކަންކުރުމަށް ބައިނަލްއަޤުވާމީ މުއާޙަދާތަކާއި ޤާނޫނުތަކަށް ފެތޭ ޤާނޫނުތަކެއް މިދާއިރާއާއި ގުޅޭގޮތުން ރާއްޖޭގައި އެކުލަވާލަންޖެހޭކަމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދާއިރާގައި ޙަރަކާތްތެރިވާ މީހުންނަކީ ތަމްރީނު ލިބިފައިވާ ބަޔަކަށް ހަދައި މިދާއިރާއަށް ބޭނުންވާ ވަޞީލަތްތައް ތަޢާރަފްކުރުމުގެ މުހިއްމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ .ރާއްޖެއަށް އެތެރެވާ ބޭރުފައިސާ އިތުރުކުރުމުގެ އެއް ސިނާޢަތުގެ ގޮތުގައި ކަނޑުދަތުރުފަތުގެ ދާއިރާ ހެދޭނެކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވަނީ މިދާއިރާ ކުރިއެރުވުމަށް ވޭތުވެދިޔަ އަހަރުތަކުގައި އިހުމާލުވެފައިވާކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރގެ ޚިޠާބުގައި މިހާރު އޮތް ކޯވިޑްގެ ޙާލަތުގައިވެސް ކަނޑު ދަތުރުކުރުމުގައި ޙަރަކާތްތެރިވަމުން އަންނަ ފަރާތްތަކުގެ އަގުވަޒަންކުރައްވާ އެފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކަން ހައްލުކުރެއްވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ދުނިޔޭގެ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫންމަހުގެ 25 ވަނަ ދުވަހުގައެވެ.