ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް ބޭއްވުމާމެދު އަންނަ ހަފްތާގައި ގޮތެއް ނިންމަނީ


ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މި އަހަރު ބޭއްވުމާމެދު އަންނަ ހަފުތާގައި ގޮތެއް ނިންމަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން، ސާފުން ހަމަޖައްސައިފިއެވެ.

ސާކް ޤައުމުތަކުގެ މެދުގައި ކޮންމެ 2 އަހަރުން 1 އަހަރު ބާއްވާ މުބާރާތް މި އަހަރު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 19 އިން 30 އަށް ބަންގްލަދޭޝްގައެވެ. ނަމަވެސް ކޯވިޑް19ގެ ސަބަބުން ބަންގްލަދޭޝްގެ ޙާލަތު އޮތީ ވަރަށް ގޯސްކޮށެވެ. އަދި އިންޑިޔާ އާއި ޕާކިސްތާނުގެ ހާލަތު ވެސް އެހާމެ ގޯހެވެ.

ސާފުގެ ޖެނެރަލް ސެކްރެޓަރީ އަންވަރުން ހައްޤު ހިލާލް ވިދާޅުވީ ހުރިހާ ޤައުމެއްގެ ޖެނެރަލް ސެކްރެޓަރީންނާއެކު އަންނަ ހަފުތާގައި ބައްދަލުވުމެއް ބާއްވައި މުބާރާތް ބޭއްވުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް ބޭއްވުމާމެދު ވިސްނަން ފެށިއިރު ކޯވިޑް19ގެ ސަބަބުން މި އަހަރުގެ ފަހު ބައިގައި ޤައުމުތަކުގެ ފުޓްބޯޅަ ޝެޑިއުލްއޮތީ ބާރުބޮޑުކޮށެވެ. ސަބަބަކީ އޮކްޓޫބަރުމަހާއި ނޮވެމްބަރުމަހު ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ޝެޑިއުލްކޮށްފައި އޮތުމާއި އޭއެފްސީ ކަޕުގެ މެޗުތަކުގައި ވެސް ކުލަބުތަކުން ވާދަކުރަންޖެހޭތީއެވެ. އަދި ލީގުތައް ނިންމަންވެސް ބައެއް ގައުމުތަކަށް ޖެހިފައިވާތީއެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެފަހުން ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ. އެފަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ ދިވެހިރާއްޖެއެވެ.