ވިޔަފާރި

ހޮނިހިރުދުވަހުގެ ރޭ އޮންނަ ބާސެލޯނާ މެޗު ރާއްޖެއަށް ޚާއްސަކޮށްފި


އަންނަ ހޮނިހިރުދުވަހުގެ ރޭ ބާސެލޯނާއާއި ސެލްޓަވީގޯ ބައްދަލުކުރާ މެޗުގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުން ފާހަގަކުރުމަށް ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ އަންނަމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވުމަށް ނިންމާފައިވާއިރު، އެކަން އިޝްތިހާރުކޮށް ފަތުރުވެރިން ގެނައުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން އަންނަ ހޮނިހިރުދުވަހުގެ ރޭ ސެލްޓަވީގޯއާއި ބާސެލޯނާ ބައްދަލުކުރާ މެޗު ފެށުމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުން ކުރިއަށްދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބާސެލޯނާއާއި ސެލްޓަވީގޯ ބައްދަލުކުރާ މެޗު ފެށުމުގެ ކުރިން ދަނޑުގެ ސެންޓަރ ސާކްލްއަށް އިޝްތިހާރެއް ލުމުގެ ފުރުޞަތު ހޯމް ޓީމަށް އެބަލިބޭ. ސެލްޓަވީގޯއިން މިހާރު މެޗު ފެށުމުގެ ކުރިން އޮންނަ އެވަގުތުކޮޅު ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމަށްޓަކައި، އަދި ރާއްޖޭގެ ބޯޑަރ އޯޕަނިންގއަށް ޚާއްސަކޮށްދީފައި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މެސީފަދަ އެތައް މަޝްހޫރު ކުޅުންތެރިން ފެނިގެންދާނެ އެމެޗު ސެންޓަރ ސާކްލްގައި ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރުން، ދަނޑުގައި ހުންނަ އެލްއީޑީ ބޯޑުތަކުގައިވެސް ރާއްޖެ އިޝްތިހާރުކުރާނެކަމަށެވެ. އަދި މެޗަށްފަހު އޮންނަ ޕްރެސް ކޮންފަރެންސްގައިވެސް ރާއްޖެ އިޝްތިހާރުކުރާނެކަމަށާއި މީގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެގެންދާނެކަމަށް މިނިސްޓަރ ދެކެވަޑައިގަންނަވައެވެ.

މިނިސްޓަރ ވިދާޅުވީ ހޮނިހިރުދުވަހުގެރޭ އޮންނަ މެޗުގައި ރާއްޖެ އިޝްތިހާކުރުމަށް އިތުރު ޚަރަދެއް ނުހިނގާކަމަށާއި، މިއީ މިދިޔަ އަހަރު ސެލްޓަވީގޯއާއެކު ޤާއިމްކޮށްފައިވާ އެއްބަސްވުމުގެ ދަށުން ސެލްޓަވީގޯއިން ކޮށްދޭ މަސައްކަތްތަކެއްކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސްޕޮންސަރކޮށްފައިވާ ސްޕެނިޝް ލަލީގާގެ ސެލްޓަވީގޯއިން ދަނީ ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން ސޯޝަލް މީޑިއާގެ އިތުރުން ކްލަބްގެ ދަނޑުތަކާއި ބާސެލޯނާއާއި މެޑްރިޑްގައިފަދަ ބޮޑެތި ސިޓީތަކުގައި ދަތުރުކުރާ އެކްލަބްގެ ބަސްތަކުގައިވެސް ރާއްޖެ ދަނީ އިޝްތިހާރުކުރަމުންނެވެ. މީގެއިތުރުން ސެލްޓަވީގޯއިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ކުރާ މަސައްކަތަށްވެސް އެހީތެރިވަމުންނެވެ. އެގޮތުން 85 މިލިއަން މީހުންގެ ފޭން ބޭސްއެއް އޮންނަ ސެލްޓަވީގޯގެ މިލިއަނުން ފޮލޮވަރުން ތިބޭ އެޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިން ރާއްޖެ އިޝްތިހާރުކޮށްދޭ ވީޑިއޯ މެސެޖުތައް ދަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލަމުންނެވެ.