ޚަބަރު

ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން އެދިއްޖެ


ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ދަތުރުތައް ކުރެއްވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރާގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް ސާޅީސް ފަސްމޭލާ ފަންސާސް މޭލު ބާރުމިނުގައި ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް މެދުތެރެއާއި އުތުރުގައި ގަދަވާނެ އަދި ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެވެއެވެ.

އެ ސެންޓަރުން ނެރެފައިވާ ރައްކާތެރިވުމުގެ އިރުޝާދުގައި ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި، ގެދޮރުފަދަ ތަންތަނުގެ ފުރާޅު ފަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަދަ ވަޔާއެކު ވިއްސާރަވެހޭއިރު، ރައްކާތެރި އިމާރާތެއްގައި ތިބުމަށާއި، ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ތަކެއްޗަށް ގެއްލުންވުމުގެ ކުރިން ގޭގައި ހިފާގެންގުޅޭ ތަކެތި، އަދި އިލެކްޓްރޯނިކް ވަސީލަތްތައް ރައްކާތެރި ތަނެއްގައި ބެހެއްޓުމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ނެރެފައިވާ އިންޒާރުގައި ވަނީ އާއްމުންނަށް ނަސޭހަތްތެރިވެފައިވެއެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާއެއްކަމަށާއި މި މިހަފްތާގެ ކުރިޔަށް އޮތް ދުވަސްތަކާ ހަމައަށްވެސް ވިއްސާރަ ދެމިގެންދާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ.