ޚަބަރު

ބޯޓު ދަތުރުކުރުމުގެ ސިނާއަތުފުޅާކޮށް މީހުން ތަމްރީނުކުރަނީ


ދިވެހިންނަކީ އެމީހުންގެ އާއްމުދިރިއުޅުމުގައިވެސް ކަނޑުތަކާއި ގުޅިފައިވާ އަދި ދަތުރު ފަތުރުކުރުމުގައި ދެމިތިބި ކަނޑުމައްޗަށް ގަދަބައެކެވެ. ޒަމާނުއްސުރެ ކަނޑުތަކުން އާމްދަނީ ހޯދާ ދިވެހިންގެ ތެރޭގައި ކަނޑުމަތީގެ ވަޒީފާތަކަށް ފަރިތަ އަދި އެކަމުގައި ތަޖުރިބާހުރި މީހުން ނިސްބަތުން ގިނައެވެ.

މަސްވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މިއަދުވެސް ކަނޑުތަކަށް ބަރޯސާވުމާއި ކަނޑުމަތީގައި ވަޒީފާ އަދާކުރާ ދިވެހިން މަދެއްނޫނެވެެ. މީގެ އަހަރުތަކުގެ ކުރިއަށް ބަލާނަމަ ދިވެހިންގެ ތެރޭގައި މަޝްހޫރު ނަމުންނަމަ ސީމަނުން ނުވަތަ ސީ ފެއަރރަރސްގެ ގޮތުގައި އެކި ވަޒީފާ އަދާކުރާ ދިވެހިން ގިނަވެފައި ހޯދާ އާމްދަނީ އިތުރެވެ.

ބައިނަލް އަޤްވާމީ ފެންވަރެއްފައި ސީފެއަރާސް ޑޭ ނުވަތަ ކަނޑުމަތީގެ ވަޒީފާ އަދާކުރާ ސީމަނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު މިދާއިރާގައި ހަރަކާތްތެރިވާ ދިވެހިންނަކީވެސް ރާއްޖޭގެ ވިޔަފާރިއާއި އިޤްތިސާދުގައި މުހިއްމު އެހީތެރިކަމެއް ފޯރުކޮށްދޭބައެެކެެވެ.

މީގެ ކުރިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުތަކާއި ދުނިޔޭގެ އެއްޤައުމުން އަނެއް ޤައުމަށް ދަތުރުކުރާ ބޮޑެތި އާގު ބޯޓުފަހަރުތަކުގައި ވަޒީފާ އަދާކުރި ދިވެހިންގެ ކިބައިން އެތައް ރައްޔިތުންނާއި ރަށްރަށަށްވެސް ވަނީ ގިނަ ގުނަ ފައިދާތަކެއް ލިބިގެން ގޮސްފައެވެ. މިއަދުވެސް އެދަފަދަ ދިވެހިން ކަނޑުމަތީގެ ވަޒީފާތަކުގައި ދެމިތިބިކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް ޒަމާނަށް އައި ބަދަލުތަކާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށްއައި ބަދަލުތަކާއެކު، ޚާއްސަކޮށް މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑް ބަނގުރޫޓުވެ، އުވިގެންދިއުމުން މިދާއިރާގައި މަސައްކަތްކުރާ އެތައް ދިވެހިން ވަނީ އެސިނާއަތުގެ ވަޒީފާތައް ދޫކޮށްލަންޖެހިފައެވެ.

ދިވެހިންނަކީ އެކި ރޮނގުން ހުނަރާއި ގާބިލްކަން ލިބިފައިވާ އަދި އަދާކުރާ ވަޒީފާގެ ދާއިރާއިން އެންމެ އުހަށް ވާސިލުވާ ބައެއް ގެގޮތުގައި ފާހަގަކުރެވޭ ބަޔަކަށްވާއިރު މިދާއިރާގައި މަސައްކަތްކުރާ ދިވެހިންނާއި ޝައުގުވެރިވާ މީހުންނަށް އަދިވެސް އެތައް ފުރުސަތުތަކެއް އެބަހުއްޓެވެ. އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާ ސްރީލަންކާ ފަދަ ޤައުމު ތަކުގެ މީހުން މި ރާއްޖޭގެ މި ސިނާޢަތުގެ އެކި ވަޒީފާތަކުގައި މިހާރުވެސް ތިބިއިރު މިއީ އަދިވެސް ދިވެހިންނަށް ކުރެވިދާނެ އަދި އެންމެ އުހަށް ވާސިލުވެވިދާނެ ސިނާއަތެއްކަން ރާއްޖޭގައި ތިބި މިދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެސޯސިއޭޝަން އޮފް މޯލްޑިވްސް މެރިޓައިމް އިންޑަސްޓްރީގެ ރައީސް ކެޕްޓަން މުޙައްމަދު ޒަޢިދު ވިދާޅުވީ ކަނޑުމަތީގެ ވަޒީފާ އަދާކުރާ މީހުންގެ ޙައްޤުތައް ހިމާޔަތްކޮށް މިދާއިރާ ކޮޅަނެގުމަށް އެއެސޯސިއޭޝަނުން ސަރުކާރާއި ގުޅިގެން ތަފާތު މަސައްކަތަކެއް ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ސިނާޢާތު ކުރިއެރުވުމަށް ބޭނުންވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައި މަސައްކަތްކެއް ފަށައިގަނެވިފައިވާކަން އެއެސޯސިއޭޝަނުން ފާހަގަކުރެއެވެ. މިދާއިރާ ކުރިއެރުވުމަށް މައިގަނޑު އަމާޒަކީ މީހުން އުފެއްދުންކަމަށާއި އެކަމާއި ގުޅިގެން ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް މިހާރުވެސްބާއްވައި ކިޔަވަން ބޭނުންވާ ކުދިންނަށް ލޯނުގެ ފުރުސަތު ހޯދައިދިނުމަށްވެސް މަސައްކަތް ކޮށްދެއްވާނެކަމަށް ކެޕްޓަން މުޙައްމަދު ޒަޢިދު ވިދާޅުވިއެވެ.

"ނޭވަލް އާކިޓެކްޗަރ ފަދަ ދާއިރާތަކުން ކިޔަވައިފިނަމަ އަޅުގަނޑުމެންގެ ދިވެހި ކުދިން ހަމަ އޮޑިފަހަރު ބަންނާނީވެސް. އެހެންވީމަ ސްކޯޕް އޮތްކަމެއްމީއީ، ދެން ރާއްޖޭގައި އެބަޮތް ވަރަށް ވަރުގަދަ ޓޫރިޒަމް އިންޑަސްޓްރީއެއް. އަޅުގަނޑުމެންގެ ކުދިން ހަމަ ހޮޓެލް ސްކޫލް ނިންމާފައި ކަނދުމަތީގެ ބޭސިކް ޓްރެއިނިން ހަދައިގެން ބޭރުގެ ސުޕަރ ޔޮޓް ފަހަރުގައި މަސައްކަތްކުރަން ނުދާންވީ ސަބަބެއްނެތް. ވެރީ ހައިލީ ޕެއިޑް ޖޮބްސްއެއީހަމަ"

އެސޯސިއޭޝަން އޮފް މޯލްޑިވްސް މެރިޓައިމް އިންޑަސްޓްރީން ބުނީ ތަފާތު ހަރަކާތްތަކެއް މިއަހަރު ކުރީކޮޅު ހިންގަންރޭވި ނަމަވެސް ކޯވިޑް19ގެ ހާލަތާއި ގުޅިގެން ހަރަކާތްތައް ކުރިއަށް ނުގެންދެވުނު ނަމަވެސް ސަރުކާރާއި ގުޅިގެން މިކަމުގައި މުހިއްމު މަސައްކަތްތަކެއް ކުރިއަށްއޮތްތަނުގައި ކުރެވިގެންދާނެކަމަށެެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވީ ސީމަނުްނނާިއ ސުޕަރ ޔޮޓް ފަހަރުގައި މަސައްކަތްކުރާ ޒުވާނުން ތަމްރީނުމުރުމަށް ރާއްޖެއާ ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއި މަޝްވަރާކޮށް ޖުމްލަ 60 އޮފިސަރުން ތަމްރީނުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި 30 މެރިން އޮފިސަރުންނާއި އިންޖިން އޮފިސަރުންގެ ގޮތުގައި 30 ޒުވާނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިދާއިރާ ކުރިއެރުވުމަށްޓަކައި ހަދަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް އިސްލާޙުކުރުމުގެ މަސައްކަތްތައްވެސް ކުރަން އަޅުގަނޑު ފާހަގަކޮއްލަން. އަދި ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމަންޓް އެކުލަވާލައި މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާކަންވެސް ފާހަގަކޮއްލަން" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ އުފެދުނު ޝިޕިން ލައިނަރ ބަނގުރޫޓިނަމަވެސް މޯލްޑިވްސް ސްޓޭޓް ޝިޕިންގލައިންގެ ނަމުގައި އައު ޝިޕިން ލައިނެއް ސަރުކާރުނމިވަނީ އުފައްދަވައި ފުރަތަމަ ބޯޓާއެކު ޤައުމީ ޝިޕިންގ ލައިނަރގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

"އެމްވީ އައިބީރިއަން އެކްސްޕްރެސް" ގެ ނަން ދީފައިވާ މިބޯޓާއެކު، މުދާ އެތެރެކުރުމުގައި ބޭރު ބަޔަކަށް ބަރޯސާވުން ނިމި ދިވެހި ރައްޔިތުންނަށް މިވަނީ އައު އުއްމީދުތަކެއް ލިބިގެންގޮސްފައެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގލައިންގެ ޚިދުމަތް ފެށުމާއެކު ދިވެހި ފަޅުވެރިންނާއި އޮފިސަރުންނަށް ވަޒީފާގެ އައު ފުރުސަތުތައް ހުޅުވިގެންދާނެއެވެ.