ޚަބަރު

ގްރޫޕް ހަދައިގެން ވައްކަންކޮށް މުދަލަށް ގެއްލުންދެމުންދިޔަ މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި


ގްރޫޕް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައްކޮށް މުދަލަށް ގެއްލުންދޭ މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރު އަދި 28 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ ތެރެއިން 5 މީހަކު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ރ. އުނގޫފާރުންނެވެ. އެމީހުންނާ ގުޅުންހުރި 3 ތަނެއް މަޑުއްވަރީން ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން އެމީހުން ދިރިއުޅުނު ރ. އަތޮޅުގެ ފަޅުރަށެއްވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން، އެ ތަންތަނުން މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގައި އިއްޔެ ހަވަނަ މީހަކު ހައްޔަރުކޮށްފައިވަނީވެސް ކޯޓު އަމުރެއްގެ ދަށުންނެވެ. ތުހުމަތު ކުރެވޭ މީހުން ރ. އަތޮޅުގެ ފަޅުރަށެއްގައި ދިރިއުޅެފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިޒު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.