ޚަބަރު

ކަސްޓަމްސްގެ އައު ވެރިޔާ، އެންމެ ތިރިން އެންމެ މައްޗަށް


އައު ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ޢަބްދުﷲ ޝަރީފަކީ މީގެކުރިން ކަސްޓަމްސްގެ މި މަޤާމާ ހަވާލުވެވަޑައިގެންނެވި އެހެން ބޭފުޅުންނާ ތަފާތު ބޭފުޅެކެވެ.

މިއީ ސިޔާސީ ގޮތުން އައްޔަނުކުރާ މަޤާމެކެވެ. އެހެންނަމަވެސް ޢަބްދުﷲ ޝަރީފު ވެވަޑައިގަތީ ކަސްޓަމްސްގެ މުވައްޒަފެއްގެ ގޮތުގައި އެކި މަޤާމުތަކުގައި އުޅުއްވުމަށްފަހު ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމާ ހަވާލުވަޑައިގެންނެވި ފުރަތަމަ ބޭފުޅާއަށެވެ.

ޢަބްދުﷲ ޝަރީފު ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމާއި ހަވާލުވަޑައިގެންނެވުމުގެ ކުރިން ކަސްޓަމްސްގެ ގިނަ މަޤާމުތަކެއް ފުރުއްވާފައިވެއެވެ. މިއަދު އެ މުއައްސަސާގެ އެންމެ އިސް މަޤާމަށް ވަޑައިގަތް މި ދަތުރު އޭނާ ފަށްޓަވާފައިވަނީ 1993ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 12ވަނަ ދުވަހު، ކަސްޓަމްސް އޮފިސަރ ގްރޭޑް 1ގެ މަޤާމުންނެވެ. އޭރު އޭނާގެ ޢުމުރަކީ އެންމެ 22 އަރެވެ.

އެއަށްފަހު ކަސްޓަމްސްގެ އެކި މަޤާމުތައް ފުރުއްވަމުން ވަޒީފާގެ އެކި ކުރިއެރުން ހޯއްދަވަމުން ވަޑައިގެން ފާއިތުވި 27 އަހަރުގެ ތެރޭގައި އޭނާވަނީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމާއި ސީ ޕޯރޓް ޑިވިޜަންގެ ހެޑްކަމާއި އެއަރޕޯރޓް ޑިވިޜަންގެ ވެރިޔާގެ މަޤާމު ފުރުއްވާފައިވެއެވެ. އަދި ސްޕެޝަލް އޮޕެރޭޝަންސް، ވެލުއޭޝަން ޑޮކިއުމެންޓޭޝަން، ކާރގޯ އެގްޒަމިނޭޝަން، އައިޓީ އަދި ޕެސެންޖަރ ޕްރޮސެސިންގް ފަދަ ކަސްޓަމްސްގެ މުހިންމު ދާއިރާތަކުގެ އިސްވެރިޔާގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ޢަބްދުﷲ ޝަރީފަކީ މިދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ކެންބަރާ އަދި ސްރީ ލަންކާގެ ޔުނިވަރސިޓީ އޮފް ސްރީ ޖަޔެވަރދެނެޕޫރާއިން މާސްޓަރޒް އޮފް ކަސްޓަމްސް އެޑްމިނިސްޓްރޭޝަންސް އިން މަތީ ތަޢުލީމު ހާޞިލް ކުރައްވައި، ކަސްޓަމްސް ހިންގުމުގެ ދާއިރާއިން އޭނާވަނީ ޚާއްސަވެވަޑައިގެންފައެވެ.

މީގެ އިތުރުން ކަސްޓަމްސްގެ އެންފޯސްމަންޓް ދާއިރާއިންނާއި، މެރިޓައިމްގެ ދާއިރާއިންނާއި، ކަސްޓަމްސް ލީޑަރޝިޕް އަދި ހިންގުމާ ގުޅޭ އެކި ދާއިރާތަކުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ ތަފާތު އެތައް ތަމްރީންތަކެއް ހައްދަވާފައިވެއެވެ. އަދި ދުނިޔޭގެ ކަސްޓަމްސް ޖަމްޢިއްޔާގެ ޑަބްލިއުސީއޯ ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ރިސްކް މެނޭޖްމަންޓްގެ ދާއިރާއިން ޚާއްސަވުމުގެ އިތުރުން، ދުނިޔޭގެ އެހެނިހެން ކަސްޓަމްސްތަކުގެ މަސައްކަތްތައް ކުރާގޮތުގެ ތަޖްރިބާ އެމަނިކުފާނު ވަނީ ހޯއްދަވާފައެވެ. އެމަނިކުފާނުވަނީ ދުނިޔޭގެ ކަސްޓަމްސް ޖަމްޢިއްޔާއިން ދެއްވާ ޑަބްލިއުސީއޯ މެރިޓް ސެޓިފިކެޓް ވަނީ ހާޞީލް ކުރައްވާފައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމާ ހަވާލުވެވަޑައިގެންނެވިއިރު، ޢަބްދުﷲ ޝަރީފްވަނީ ޤާބިލް ކަމުގެ ކުލަ، ކާމިޔަބުގެ ރަން ކުލަ، އިޚްލާސްތެރިކަމުގެ ކުލަ، އަޚްލާޤީ ކުލަ، ޚިދުމަތުގެ ކުލަ އަދި ދިގު މުއްދަތުގެ ކުލަ ހާޞިލް ކުރައްވާފައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް މަޤާމާއި ހަވާލުވަޑައިގެންނެވިއިރު، އެމަނިކުފާނުވަނީ ޑެޕއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނަވައިގެން އެކްޓިން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މަސްޢޫލިއްޔަތު 2 މަހާއި 11 ދުވަހު އަދާކުރައްވާފައެވެ.

މޮހޯ

ކަސްޓަމްސް ހަޔާތުގައި މިއަދަކީ ވަރަށް އުފާވެރި ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަންޖެހޭ، މީގެ ކުރިންވެސް ކަސްޓަމްސްއަށް ކޮމިސަނަރަކު މިގޮތަށް ކަނޑައެޅިނަމަ ކަސްޓަމްސް އޮފިސަރުން ނާއި މުޅިމުއައްސަސާ އިސްލާހު ކުރެވިގެންދިޔައީސްކަން ކަށަވަރު، އެހެން މިދެންނެވީ ކަސްޓަމްސްގެ އޮފިސަރުންނަށް އެކި ޔުނިޓު ތަކުގައި ކުރާމަސައްކަތް އެންމެ ފުރިހައަށް އިގޭނީ ކަސްޓަމްސުން ކުރާމަސައްކަތާއި މަސްސޫލިޔަތުގެ ތަޖުރިބާލިބިފައި ހުރިބޭފުޅަކަށް، މީގެ ކުރިން ކަސްޓަމްސްއަށް ސިޔާސީ ބޭފުޅެކު ކަނޑައެޅުމުން ފުރަތަމަ ޖެހެނީ ކަސްޓަމްސްގެ ޔުނިޓުތަކުން ކުރާމަސައްކަތް ދެނެގަތުން ނޫނީ އެތަނުގައި އިސްކޮށްއުޅޭ ވެރިންބުނާގޮތަކަށް މުއައްސަސާގެ ކަންތަށްތަކާއި މުވައްޒިފުންގެ ކަންތައްތަ ށް ހިގަމުންދަނީ، އެހެންވީމަ ގިނަފަހަރު ސިޔާސީ ނުފޫޒުއާއި ކޮރޮޕްޝަންގެ އަމަލުތަކުން މުޅި މުއައްސަސާވަނީ ކިލަބުވެފައި މުއައްސަސާ އިސްލާހު ކުރުމަށް ރައިސް އިބްރާހިމް މުޙައްމަދު ސޯލިހު އެޅުއްވި ވަރަށްވެސް ހަރުދަނާ ފިޔަވަޅެކެވެ.