ދީން

ފަތުވާ ކޮންފަރެންސްގައި މައުމޫން ތަޤްރީރު ކުރައްވައިފި


ދީނީ
ހައްދުފަހަނައެޅުންތަކާ ދެކޮޅަށް ބާއްވާ ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސުގައި
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް
ތަޤްރީރު ކުރައްވައިފިއެވެ.



"ފަތުވާ ދިނުމުގައި ކުރިމަތިވާ މައްސަލަތަކާއި، ފަތުވާގެ
މުސްތަޤްބަލުގެ އުދަރެސްތައް"މި މައުޟޫޢުގެ
މައްޗަށް ބާއްވާ ދެދުވަހުގެ މަހާސިންތާގައި ރައީސް މައުމޫން ދެއްކެވި
ވާހަކަފުޅުގައި، މި މަހާސިންތާ މި ބޭއްވެނީ ތަފާތު އެކި ފަތުވާ ނެރެމުންދާ
ދުވަސްވަރެއްގައި ކަމަށް ވިދާޅުވިއެވެ. 
މިގޮތުން އެންމެ އާދައިގެ ފިޤްހީ މައްސަލަތަކުން ފެށިގެން ބޭންކު
މުޢާމަލާތްތަކާއި، ޖިހާދުކުރުމާއި، ހަރުކަށި ޢަމަލުތައް ހިންގުމާއި، މިބާވަތުގެ
އެތައް މައްސަލަތަކެއްގައި ތަފާތު ފަތުވާތައް ނެރުމުގެ ސަބަބުން މުސްލިމު ރައްޔިތުންގެ
ވިސްނުމާއި ޚިޔާލަށްވަނީ ތަފާތު އޮޅުންބޮޅުންތައް އަރާފައިވާކަމަށް ރައީސް
މައުމޫން ވިދާޅުވިއެވެ.



މި މައްސަލަ
އުފެދުމުގެ ތަފާތު ގިނަ ސަބަބުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާއި، ސުންނަތާއި،
އިޖުތިހާދު ކުރުމުގެ ޤަވާއިދުތަކާއިމެދު އެކަށީގެންވާ މިންވަރަށް ޢިލްމު ލިބިފައި
ނުވާ ފަރާތްތަކުން ފަތުވާ ދިނުމަށް ކުރިމަތިލުން ހިމެނޭކަމުގައިވެސް ވިދާޅުވިއެވެ.
އަދި ގިނަ އިސްލާމީ ޤައުމުތަކުގައި ފަތުވާދިނުން ޙައްޤުވާ ފަރާތްތައް ނުވަތަ
މުއައްސަސާތައް ކަނޑައަޅައިދޭ ޤާނޫނުތަކާއި، ޤަވާއިދުތަކާއި ފަތުވާދޭ މުފްތީންގެ
ޝަރުޠުތައް ބަޔާންކޮށްދޭ ހަރުދަނާ ޢާންމު އުސޫލުތަކެއް އެކަށައެޅިފައި ނުވުންވެސް
އެއީ ސަބަބެއްކަމުގައި މައުމޫން ވިދާޅުވިއެވެ.



ފަތުވާދިނުމުގެ މައްސަލައަށް ކުރިމަތިވެފައިވާ
ގޮންޖެހުންތައް ޙައްލުކުރުމަށް ފަތުވާ ދިނުމުގެ މަޤްޞަދުތައް ޙާޞިލްކުރުމަށާއި، ފަތުވާގެ މައްސަލައަށް ޢަމަލީ ޙައްލެއް ހޯދައިދިނުމަށާއި، ފަތުވާއަށް އޭގެ ޝަރަފުވެރި މަޤާމު ހޯދައިދިނުމަށްޓަކައި، މަތިވެރި
ޒިންމާއެއް އަދާކުރަންޖެހޭކަމުގައި ރައީސް މައުމޫންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



މި މަޤްޞަދުތައް ޙާޞިލުކުރެވޭނީ، އަޅުގަނޑުމެންގެ
އެންމެހާ ފަތުވާތަކަކީ، ޤުރްއާނާއި، ސުންނަތާއި އަދި އިތުބާރު ހުރި އެހެނިހެން
ޝަރުޢީ ދަލީލުތަކުގެ މައްޗަށް ބިނާވެގެންވާ ފަތުވާތަކަކަށް ހަދައިގެން ކަމުގައި
ތަޤްރީރު ނިންމަވާލައްވަމުން ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.