ޚަބަރު

2018ވަނަ އަހަރު 250 މިލިއަން ކުޑަކުދިން ތަޢުލީމުން މަހުރޫމުވި: ޔުނެސްކޯ


2018ވަނަ އަހަރު 250 މިލިއަނަށްވުރެ ގިނަ ކުޑަކުދިންނަށް ތަޢުލީމުން މަހުރޫމުވެފައި ތިބިކަމަށް އދގެ ތަޢުލީމާއި ސައިންސާއި ތަރިކައާބެހޭ އިދާރާ، ޔުނެސްކޯއިން ބުނެފިއެވެ.

ޔުނެސްކޯއިން ނެރުނު ރިޕޯޓެއްގައި ބުނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ފަޤީރު އަވަށްތަކުގައި ދިރިއުޅޭ ކުދިންނާއި އަންހެން ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ހިޖުރަވެރިންނާއި އާބާދީ ކުޑަ ނަސްލުތަކަށް ނިސްބަތްވާ ކުދިންނަށް ތަޢުލީމު ލިބުމުގެ ފުރުޞަތު ހަނިކަމަށެވެ. އެ ރިޕޯޓުގައި ބުނީ 2018ވަނަ އަހަރު 258 މިލިއަން ކުޑަކުދިންނާއި ޒުވާނުންނަށް އެއްވެސް ވަރަކަށް ތަޢުލީމު ހާޞިލްކުރުމުގެ ފުރުޞަތު ލިބިފައިނުވާކަމަށާއި އޭގެ މައިގަނޑު ސަބަބަކީ ފަޤީރުކަންކަމަށެވެ. އެއީ މަދުރަސީ އުމުރުފުރައިގެ ކުދިންގެ އާބާދީގެ 17 އިންސައްތައެވެ. އޭގެ ތެރެއިން ގިނަ ކުދިންނަކީ ދެކުނު އޭޝިޔާއާއި މެދުތެރޭ އޭޝިޔާއާއި އެފުރިކާގައި ދިރިއުޅޭ ކުދިންނެވެ. އެފުރިކާގައި ދިރިއުޅޭ ކޮންމެ ދެ ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކީ ތަޢުލީމު ހޯދޭނެ މަގެއް ނެތް ކުދިންކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޔުނެސްކޯއިން ބުނީ ކޯވިޑް-19ގެ ސަބަބުން ޙާލަތު އިތުރަށް ގޯސްވެފައިވާކަމަށާއި ބަލިމަޑުކަމުން ރައްކާތެރިވުމަށް މަދަރުސާތައް ބަންދުކުރުމުގެ ސަބަބުން ދަރިވަރުންގެ އާބާދީގެ 90 އިންސައްތަ ކުދިންނަށް އަސަރުކޮށްފައިވާކަމަށެވެ. ފުދިގެން ދިރިއުޅޭ ޢާއިލާތަކަށް ނިސްބަތްވާ ދަރިވަރުންނާ ޚިލާފަށް ފަޤީރު ޢާއިލާތަކަށް ނިސްބަތްވާ ކުދިންނަށް ލެޕްޓޮޕާއި މޮބައިލް ފޯނާއި އިންޓަނެޓުފަދަ ވަޞީލަތްތައް ބޭނުންކޮށްގެން އެ ކުދިންގެ ތަޢުލީމު ކުރިއަށް ނުގެންދެވޭކަމަށް ޔުނެސްކޯއިން ފާހަގަކުރެއެވެ. ޔުނެސްކޯއިން ބުނީ ޞިއްޙީ ކާރިޘާތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ ކުދިންނަށް ތަޢުލީމުން މަހުރޫމުވާކަމަށާއި ޚާއްސަކޮށް ފަޤީރު އަންހެން ކުދިން އަނބުރާ މަދަރުސާއަށް ނުދިއުމަކީ ކުރިން ދިމާވެފައިވާ ޞިއްޙީ ކާރިޘާތަކުގައި ފާހަގަވެފައިވާކަމެއްކަމަށެވެ.

ރިޕޯޓުގައި ޔުނެސްކޯއިން އިތުރަށް ފާހަގަކުރި ގޮތުގައި މައްސަރުގެ ކަންތަކާ ކުރިމަތިލާ 335 މިލިއަން މަދުރަސީ އުމުރުފުރައިގެ އަންހެން ކުދިންނަށް ފެނާއި ޠާހިރުވުމަށް ބޭނުންވާ ސާމާނު ނުލިބުމުގެ ސަބަބުން މަދަރުސާއަށް ދިއުމަށް ހުރަސްއެޅޭކަމަށެވެ. އޭގެ އިތުރުން، ވިލާތުގެ ބައެއް ސަރަޙައްދުތަކުގައި ރޯމާ ނަސްލަށް ނިސްބަތްވާ ކުދިން ވަކިކޮށް އެހެން ކުދިންނަށް ތަޢުލީމު ދިނުމަށް ބޭނުންކުރާ ނިޒާމާ ތަފާތު ނިޒާމެއް އެ ކުދިންނަށް ތަޢުލީމު ދިނުމަށް ބޭނުންކުރާކަމަށް ޔުނެސްކޯއިންވަނީ ފާހަގަކޮށްފައެވެ. އޭގެ ސަބަބުން ތަފާތުކުރުން އިތުރުވާކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ޙާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުންނަށްވެސް އެ މައްސަލަވަނީ ކުރިމަތިވެފައެވެ.

އިޝާރާތުގެ ބަސް ރަސްމީކޮށް ބަލައިގަންނަނީ 41 ޤައުމުންކަމަށާއި އެ ޤައުމުތަކުން ބޮޑަށް ބޭނުންވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށްވުރެ އިންޓެނެޓު ލިބޭނެ މަގުފަހިކުރަންކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.