ޚަބަރު

ބޮމުގެ ހަމަލާއާއި ގުޅިގެން ދިވެއްސަކަށް ގެއްލުންވިތޯ ބަލަނީ


ބެންކޮކްގައި މީގެ ދެގަޑިއެއްހާ އިރު ކުރިން ގޮއްވާލި ބާރުގަދަ ބޮމުގެ ހަމަލާއާ ގުޅިގެން އެޤައުމުގައި ތިބި ދިވެހިންގެ ކަންތައްތައް ވަރަށް ކައިރިން ބަލަމުންދާ ކަމަށް ދިވެހި ޚާރިޖިއްޔާއިން ހާމަކުރައްވައިފިއެވެ.އަދި، މި ހާދިސާ އާ ގުޅިގެން މިނިސްޓްރީ އިން ވަނީ ހޮޓްލައިނެއް ގާއިމްކޮށްފައެވެ.ފޮރިން އެފެއަރޒް އިން ގާއިމްކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 7983400އެވެ.އެމިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައިވަނީ  ބެންގްކޮކްގައި ތިބި ދިވެހިން ރާއްޖެއިން ބެންކޮކްގެ އޮނަރަރީ ކޮންސަލް އަށް ގުޅުމަށް އަންގާފައެވެ. ކޮންސަލްގެ ނަންބަރަކީ 0066818991566އެވެ.މީގެ އެއް ގަޑިއިރު ކުރިން ވިވަގުތު ބެންކޮކްގައި ހުރި ސީހައުސްގެ ވެރިޔާ އިސްމާއިލް ފަސީހް ސޯޝަލް މިޑިއާގައި ބުނެފައިވަނީ ބޮން ގޮއްވާލި ވަގުތު ތިބީ ޓެކްސީއެއްގައި ކަމަށާއި ޓެކްސީ އެވަގުތު ދަތުރުކުރަމުން ދިޔައީ އޭނާ ހުރި ހޮޓަލަށްކަމަށެވެ. ފަސީހް ބުނީ ބޮން ގޮވި ގަޑީގައި ވަރަށް ބާރަށް ކާރު ގުޑުނުކަމަށެވެ. އަދި، އެއީ ބޮމެއް ކަން އެނގިފައި ވަނީ ހޮޓަލަށް ދިޔުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.މި ހަމަލާދީފައިވާ ސަރަހައްދަކީ ޢާއްމުކޮށް ދިވެހިން ގޮސްއުޅޭ ހިސާބަކާއި ކައިރި ސަރަހައްދެކެވެ.މިއީ ސައިކަލެއްގައި ހަރުކޮށްފައިވާ ބޮމަކުން ދީފައިވާ ހަމަލާއެއް ކަމަށްވެސް މީޑިޔާތަކުން ބުނެއެވެ.މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއްނުވެއެވެ.