ޚަބަރު

ކިރު ޕެކެޓްތައް ސްޓޮކް ހުސްވަންދެން ދަރިވަރުންނަށް ބަހާނެ: މިނިސްޓަރ


ހެނދުނުގެ ނާސްތާ ޕްރޮގްރާމުގައި ދަރިވަރުންނަށް ދިނުމަށް ގެނެސްފައިވާ ކިރު ޕެކެޓްތައް ދަރިވަރުންނަށް ބަހަންފަށައިފިއެވެ.

ކިރު ޕެކެޓްތައް ބަހަންފަށާފައި ވަނީ ކޯވިޑް-19 އާ ގުޅިގެން ސްކޫލްތަކުގައި ދަރިވަރުންނަށް ދެމުން ގެންދިޔަ ނާސްތާ ޕްރޮގްރާމް މެދު ކަނޑާލުމާ ގުޅިގެންނެވެ.

އެގޮތުން މާލެ އާއި އަތޮޅު ތެރޭގެ ބައެއް ސްކޫލުތަކުން މިހާރު ވަނީ ކިރު ޕެކެޓުތަކާއި ހަވާލުވާން ބެލެނިވެރިންނަށް އަންގައިފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ އެ ސްކޫލްކަށް ފޮނުވާފައިވާ ކިރު ޕެކެޓްތަކުގެ ސްޓޮކް ހުސްވަންދެން ދަރިވަރުންނަށް ބެހުމަށް އަންގާފައިވާކަމަށެވެ. އެހެންކަމުން އެ ސްކޫލެއްގެ ހުރިހާ ދަރިވަރުންނަށް ނާސްތާ ޕްރޮގްރާމަށް ގެނެސްފައިވާ ކިރު ޕެކެޓްތައް ބަހަމުން ގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

ބައެއް ސްކޫލްތަކުން ބެލެނިވެރިންނަށް ފޮނުވި ލިއުމެއްގައި ވަނީ ކުރިއަށް އޮތް ދެ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ދަރިވަރުންނަށް ކިރު ޕެކެޓު ދޫކުރަން ހަމަޖައްސާފައިވާކަމަށެވެ. އަދި ކޮންމެ ދަރިވަރަކަށް 30 ޕެކެޓް ދޫކުރާނެ ކަމަށާއި އެ އެއްޗެހި ބަލައި ދާއިރު ކޮތަޅެއް ނުވަތަ ދަބަހެއް ހިފައިގެން ދިއުމަށް ވަނީ އެދެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އައު އާއްމު ހާލަތުގައި އަންނަ މަހުގެ 1 ވަނަ ދުވަހު ސްކޫލްތައް ހުޅުވުނުނަމަވެސް ނާސްތާ ޕްރޮގްރާމް ކުރިޔަށް ނުގެންދިޔުމަށް ނިންމާފައެވެ. އޭގެ ބަދަލުގައި ދަރިވަރުން ގެއިން އަންނަ އިރު ރަނގަޅަށް ސައި ބޮއެގެން އައުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ވަނީ ވަކި ގޮތެއް އަންގަންދެން ސްކޫލްތަކުގައި ހުންނަ ކެންޓީންތަކުންވެސް ކާބޯތަކެތި ވިއްކުން މަނާކޮށްފައެވެ.

ސަރުކާރުން ވަނީ އަންނަ މަހުގެ ޖުލައިމަހުގެ 1 ވަނަ ދުވަހު ސްކޫލްތައް ހުޅުވައި ކިޔަވއިދޭން ފެށުމަށް ތައްޔާރުވެފައެވެ. މިގޮތުން ސްކޫލްތައް ހުޅުވަން ވާއިރަށް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ކިޔަވައިދިނުމަށް ސްކޫލްތަކުންވެސް ދަނީ ތައްޔާރުވަމުންނެވެ.