ޚަބަރު

ކުރީގެ ޤާޟީ ޙައިލަމަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރުކުރައްވައިފި


ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހްމަދު ޙައިލަމް ފުލުހުންގެ އިދާރާއަށް ރޭ ހާޒިރުކޮށްފިއެވެ.

ހައިލަމް ފުލުހުންގެ އިދާރާއަށް ޙާޒިރުވުމަށް އަންގާ އޭނާއަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާ މުޢާމަލާތްތަކުގެ ރިޕޯޓްތައް ބެލި ބެލުމުން ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓްގެ އިސް ޤާޟީ އަހުމަދު ހައިލަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ މިދިޔަ އަހަރުގެ މެއި މަހުގެ 19ވަނަ ދުވަހު ދެލައްކަ ރުފިޔާގެ މުޢާމަލާތެއް ހިންގާފައިވާ ކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

ފުލުހުންގެ މަރުކަޒު ނުކުމެ މީޑިއާތަކާއި ވާހަކަ ދައްކަވަމުން ހައިލަމް ވިދާޅުވީ ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރަނީ ފަނޑިޔާރެއްގައި މަގާމުގައި ހުރެ ވިޔަފާރުކުރުމުގެ ކުށްކަމަށެވެ. ހައިލަމް ވިދާޅުވީ ފުލުހުން ތުހުމަތުކުރާ ގޮތަށް ވިޔަފާރި ނުކުރައްވާކަމަށެވެ. އަދި ފަނޑިޔާރުން ވިޔަފާރުކުރުމަކީ ރާއްޖޭގެ ވިޔަފާރީގެ ނިޒާމުގައި އެއްވެސް ވަރަކަށް ކުށެއްކަމަށް ބަޔާން ނުކުރާކަމަށެވެ. ފަނޑިޔާރުންގެ ޤާނުނުގައި މަނާ ވަނީ ފަނޑިޔާރުން ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރިވުންކަމަށާއި ފުލުހުން ތުހުމަތުތަކަށް އިންކާރުކޮށްފައިވާކަމަށް ހައިލަމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމުން އަހްމަދު ހައިލަމް އިސްތިއުފާ ދެއްވައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އެނާ އެ މަޤާމުން އިސްތިއުފާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައި ދަމާ މަންޒަރު ސިފަކޮށްދޭ ކާޓޫނެއް ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ފަނޑިޔާރުންގެ ވައިބަރ ގުރޫޕަކަށް ފޮނުވި މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަން ފެށުމުންނެވެ.