ޚަބަރު

އޮޅުވާލައި ބްލެކްމެއިލްކޮށް ކުޑަކުއްޖަކު ރޭޕް ކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި


އޮޅުވާލައި ބްލެކްމެއިލްކޮށް ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި އަމުރުކޮށްފައިވަނީ، ކުޑަކުއްޖަކު ގެސްޓްހައުސްއެއްގައި ރޭޕްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ޝަޙްސު އޮޅުވާލައި މަކަރާއި ހީލަތުން ކުއްޖާ މާލެ ގެނެސް ޖިންސީގޯނާކޮށްފައިވާ މައްސަލައާ ގުޅިގެން 2020 މެއި 28 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ބ.ތުޅާދޫ ހިޔާވަހި، އުނައިސް އަޙްމަދުކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ 25 އަހަރުގެ އުނައިސް އަޙްމަދު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން، މި މައްސަލަ އަކީ ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާޢީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާތީ، މި ފަދަ މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ކަނޑައަޅާފައިވާތީ، އިތުރަށް ބަންދުގައި ބެހެއްޓޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުފެންނާތީ ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވެއެވެ.

އަދި މި މައްސަލައިގެ ތަހްޤީޤަށް، އުނައިސް އަޙްމަދުގެ މައްޗަށް ޝަޙްސު އޮޅުވާލައި މަކަރާއި ހީލަތް ހަދައިގެން ކުޑަކުއްޖަކު ގެނެސް އެ ކުއްޖާ ރޭޕްކޮށްފައިވާ މައްސަލާގައި ކޯޓުއަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާ އާއި އެޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް އޮތްކަމަށް ފަޑިޔާރަށް ޤަބޫލުކުރެވި، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައިވެއެވެ.

އުނައިސް އަޙްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހްޤީޤް ފުރިހަމަކުރުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އިންޓަނެޓް މެދުވެރިކޮށް ކުދިން ގުރޫމް ކުރުވާ މައްސަލަތަކާއި ޗައިލްޑް އޮންލައިން އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާ ތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށްވެސް ފުލުހުން އިލްތިމާސްކުރެއްވިއެވެ.

މިފަދަ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށްވެސް ވަނީ އިލްތިމާސްކުރާފައެވެ.