ޚަބަރު

ފަލަސްތީނު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފި


ފަލަސްތީނު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފިއެވެ.

މިނިސްޓަރ މިކަމަށް ގޮވާލެއްވީ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީ، "ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް" (އަންރުވާ) އަށް ފަންޑު ހޯދުމާ ބެހޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީއާއި ސްވިޑްންގެ ޚާރިޖީ ވަޒީރު ޕީޓަރ އެރިކްސަން އެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، މީގެ 70 އަހަރު ކުރިން އުފެއްދި އަންރުވާ އިން ހޯދާފައިވާ ކުރިއެރުމަށް އަލިއަޅުއްވަލައްވައި، ފަލަސްތީނުގެ 5.5 މިލިއަން ރެފިއުޖީން އަސާސީ ބޭސްފަރުވާއަށާއި ތައުލީމް ހޯދުމުގައި ބަރޯސާ ވަނީ އަންރުވާގެ އެހީއަށްކަން ފާހަގަކުރެއްވިއެވެ. އަދި މިނިސްޓަރ ވަނީ އަންރުވާއަށް ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ފަލަސްތީނުގެ ރެފިއުޖީންނަށް ކުރިމަތިވާ ދަތިތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކޯވިޑް-19 ފަދަ އެތައް ދަތިތަކާއެކުވެސް، އެޖަމްއިއްޔާއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް އަންރުވާގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލައްވާފައެވެ. އަދި އދގެ ޤަރާރުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާކަން ފާހަގަކުރައްވައި، މިނިސްޓަރ ވަނީ އެކަން ތަކުރާރުކުރައްވާފައެވެ.

ފޮރިން މިނިސްޓްރީއިން ކުރި ޓުވީޓް

މިއަދުގެ ބައްދަލުވުމަކީ މިއަހަރާއި، ކުރިއަށް އޮތް 2 އަހަރު އަންރުވާއަށް ބޭނުންވާ ފަންޑާއި، ބައިނަލްއަޤްވާމީ މުޖްތަމައުން ބޭނުންވާ ސިޔާސީ އެހީ ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އދގެ މެމްބަރު ބައެއް ޤައުމުތަކުން ވަނީ އަންރުވާއަށް މާލީ އެހީތެރިކަން ދިނުމަށް އެއްބަސްވެފައެވެ.