ޙާލުގައި ޖެހިފައިވާ މީހުންނާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ދަރުމައަށް އެހީތެރިވުމުގެ ދާއިރާއިން މަޝްހޫރުވެފައިވާ ގ.ނީރުވީކް އަޙްމަދު ޙިޝާންގެ މައްޗަށް ތުހުމަތުކުރެވުނު، ކުޑަކުދިންނާމެދު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ބައެއް ފިޔަވަޅުތައް އަޅަން ޕީޖީ އޮފީހުން ނިންމަވައިފިއެވެ.
އެއޮފީހުން ހާމަކުރައްވާފައިވާގޮތުގައި އަޙްމަދު ޙިޝާން އެކި ދުވަސްމަތިން 07 ކުދިންނާމެދު އެކުދިންގެ ނުރުހުމުގައި ޖިންސީ ޢަމަލު ހިންގިކަމަށް ތުހުމަތުކުރެވުނެވެ. އެހެންނަމަވެސް މި މައްސަލާގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލާއިރު މީގެ ތެރެއިން ބައެއް ޙާދިސާތައް ހިނގިތާ ގިނަދުވަސްތަކެއް ވެފައިވާތީ ޖިނާއީ ދަޢުވާކުރުމުގެ މުއްދަތުވަނީ ހަމަވެފައެވެ. އެހެންކަމުން ޙިޝާންގެ މައްސަލައިގެ މިދެންނެވި ބައި އުނިކުރުމަށް ނިންމަވާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ޕީޖީ އޮފީހުން ވިދާޅުވީ، ޙިޝާންގެ މައްސަލައިގެ ޙާދިސާ ހިނގާފައިވާގޮތަށް ބަލާއިރު، ޖިންސާ އަނިޔާ ލިބިފައިވާ އިތުރު ކުދިން ހިމެނުމަކީ އެކަށީގެންވާ ކަމެއްކަމަށް ފެންނަކަމަށެވެ. އެހެންކަމުން އިތުރު ކުޑަކުދިންތަކަކަށް އަނިޔާވެފައިވޭތޯ ބަލައި އެކަން ސާފުކުރުމުގެ ގޮތުން "ޕަބްލިކް ޕްލެޖް އެނައުންސްމެންޓެއް" ކުރެވިދާނެތޯ ބެލުމަށް ފުލުހުންނަށް ލަފާ ދެއްވުމަށް ޕީޖީ އޮފީހުން ނިންމަވާފައިވާކަމަށްވެސް އެއޮފީހުން ވިދާޅުވެއެވެ.
މީގެ އިތުރުން ވޭތުވެދިޔަ 08 އަހަރުދުވަހުގެ ތެރޭގައި އަޙްމަދު ޙިޝާންގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާކަމަށް ކިޔައިދޭ އެއްވެސް ކުއްޖަކު ތަޙްޤީޤަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައެއް ތަޙްޤީޤްކޮށް، ހެކި ޤަރީނާއާއެކު މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުމަށްވެސް އެއޮފީހުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލަފާދެއްވާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ރާއްޖޭން ބޭރަށް ފުރަން ސްރީ ލަންކަން އެއަރލައިންސްގެ މަތިންދާބޯޓެއްގައި އިންދާ ފުލުހުން ގޮސް ޙިޝާން ހުއްޓުވައި އޭނާ ފުލުހުންގެ އިދާރާއަށް ޙާޒިރުކުރީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. އެއާއެކު އޭނާގެ ޕާސްޕޯޓުވެސް އޮތީ ހިފަހައްޓާފައެވެ.
ހިޝާނާމެދު ތުހުމަތުކުރެވެނީ، ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާމެދު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތެވެ.