ވިޔަފާރި

އަހަރުގެ ފަހުކޮޅު ފަތުރުވެރިކަން ބޮޑުތަނުން ރަނގަޅުވުމުގެ އުއްމީދު ބޮޑު


އަހަރުގެ ފަހުކޮޅުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮޑު ތަނުން ރަނގަޅުވާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވުމަށް ތައްޔާރު ވަމުންދާއިރު މިހާރުވެސް ބައެއް ރިޒޯޓުތަކުން 30 އިންސައްތަަ އޮކިއުޕަންސީގައި ހިފެހެއްޓޭނެކަމަށް ބުނަމުންދާކަމަށެވެ. އަދި މިއީ ވަރަށް ރަގަނޅު ސިގްނަލެއް ކަމަށާއި އަންދާޒާއަކީ މުޅި ޖުމްލަ 8 ލައްކަ 50 ހާސް ޓުއަރިސްޓުން މިއަހަރު ތެރޭގައި އައުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"މިހާތަނަށް 3 ލައްކަ ފަތުރުވެރިން އަތުވެއްޖެ. އެހެންކަމުން ކުރިޔަށް އޮތް 6 މަސްދުވަހު 5-6 ލައްކައާއި ދޭތެެރޭ އަންނާނެކަމަށް އަޅުގަނޑު އަންދާޒާ ކުރަނީ. މިކަމާ ގުޅިގެން ބޭއްވި ފުރަތަމަ ފްރެސްގައިވެސް ދެންނެވި ފަދައިން އަހަރުގެ ފަހުކޮޅުގައި ޓުއަރިޒަމް ބޮޑު ތަނުން ރަނގަޅު ވަނެކަމަށް ބެލެވޭ. އަދިވެސް އުއްމީދުކުރަނީ އެގޮތަށް. މިފެންނަ މަންޒަރުން ރާއްޖޭގެ ރިޒޯޓުތަކަށް ޓުއަރިސްޓުން އަންނާނެ." ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އަހަރުގެ ފަހުކޮޅު 5 ލައްކައެއްހާ ފަތުރުވެރިން އަންނާނެކަމަށް އަންދާޒާ ކުރަނީ އާންމުކޮށް ހައި ސީޒަންގައި ރާއްޖެއަށް މަހަކު 2 ލައްކަ އެއްހާ ފަތުރުވެރިން އަންނާތީ އެ ޕަސަންޓޭޖަށް ބަލާ، މިހާލަތުގައި އޭގެ 20-30 ޕަސަންޓާއި ދެމެދު އަދަދެއްގައި ފަތުރުވެރިން އަހަރުގެ ބާކީ ބައިގައި އަންނާނެކަމަށް ބެލެވޭތީކަމަށެވެ. ނަމަވެސް ފަތުރުވެރިކަން އަހަރުގެ ފަހުކޮޅު ރަގަނޅުވިޔަސް އޭގެ މާލީ ފައިދާ ލިބެން ފަށާނީ މިއަންނަ އަހަރު ތެރޭގައިކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކޯވިޑްއާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން މަޑުޖެހިފައިވާއިރު، ސަރުކާރުން މިހާރު ދަނީ އަންނަމަހުގެ 15 ވަނަ ދުވަހު ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވަމުންނެވެ.