ސަރުކާރުގައި ހިމެނޭ ކޯލިޝަންގެ ޕާޓީތަކަށް ދޭންޖެހޭ ޙިއްސާ ދަމަހައްޓަވާނެކަމަށާ، މިސަރުކާރު ދެމިއޮންނާނީ ކޯލިޝަނެއް ސަރުކާރެއްގެގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓީތަކު މެދުގައި ނުތަނަވަސްކަމެއް އޮތްކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސްވަނީ، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވީ ކޯލިޝަނެއްގެ ތެރެއިންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ރައްޔިތުން މިސަރުކާރު އިންތިޚާބުކުރިގޮތް ދަމަހައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ދާދިފަހުން ހައުސިން މިނިސްޓަރ އާމިނަތު އާޠިފާ އިސްތިއުފާދެއްވުމާއި، އެއަށްދަފު ސަރުކާރުން އެ މިނިސްޓްރީ އުވާލެއްވުމާ ގުޅިގެން ބައެއް ފަރާތްތަކުންވަނީ މި ކަންކަމަކީ ކޯލިޝަންގެ ޕާޓީގެތަކުގައި އޮތް ނުތަވަސްކަންކަމަށް ބުނެ ވާހަކަދައްކާފައެވެ. މިއަދު ނޫސްވެރިޔަކު މިކަމާ ބެހޭގޮތުން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ، ހައުސިން މިނިސްޓްރީ އުވާލެއްވީ ސަރުކާރުގެ ތެރޭގައި މަޝްވަރާ ކުރެއްވުމަށްފަހުކަމަށެވެ. އަދި އެމިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީން ކުރައްވަމުންދަނީ ދާދި އެއްކަހަލަ މަސައްކަތްތަކެއްކަމަށް ވެފައި ސަރުކާރުގެ ބައެއް ކުންފުނިތަކުންވެސް ވަރަށް ފުޅާދާއިރާއެއްގައި ހައުސިންއާ ގުޅޭ މަސައްކަތްތައް ކުރައްވަމުންދާތީ، މިކަމަށް ދެ ވުޒާރާ އޮތުން ބޭނުމެއް ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކުރީގެ ހައުސިން މިނިސްޓަރ އާމިނަތު އާޠިފާގެ މަސައްކަތްޕުޅު ފާހަގަކުރައްވައި ރައީސް ވަނީ އާޠިފާއަށާއި، އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމްއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޢާޠިފާއަކީ ވަރަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ވަޒީރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުގެ ތެރެއިން ކޯލިޝަންގެ ޕާޓީތަކަށް ދޭންޖެހޭ ޙިއްސާ ދަމަހައްޓަވާނެކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ޤާއިމުވީފަހުން އުފެދުނު ކޮންމެ ސަރުކާރެއްވެސް އިންތިޚާބުވީ ކޯލިޝަނެއްގެ ތެރެއިންނެވެ. އެހެންނަމަވެސް ސަރުކާރު ހިންގާތާ މިސަރުކާރަށް މިވީ މުއްދަތާ ހަމައަށް ކޯލިޝަން އޭގެ ޒާތުގައި ދެމިއޮތް ހަމައެކަނި ސަރުކާރަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރެވެ.
2008ވަނަ އަހަރު އުފެދުނު ރައީސް ނަޝީދުގެ ސަރުކާރުގެ ކޯލިޝަން ރޫޅުނީ 21 ދުވަހުންނެވެ. 2013ވަނަ އަހަރު އުފެދުނު ރައީސް ޔާމީންގެ ސަރުކާރުގެ ކޯލިޝަން އެސަރުކާރަށް ގާތްގަނޑަކަށް އަހަރެއްވީތަނާ ވަނީ ރޫޅިފައެވެ.