ޚަބަރު

ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އަށް އާފިޔާ އެއްބަސްވެއްޖެ


ހާނިއްކަތަކަކާއި އެކު ވ. ރަކީދޫގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އިބްތިހާލް މަރުވި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ، ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އަށް އޭނާ މިއަދު ކޯޓުގައި އިއުތިރާފުވެއްޖެއެވެ. އުމުރުން ތިން އަހަރުގެ އިބްތިހާލަށް އަނިޔާ ކުރުމުގެ ސަބަބުން މަރުވި މައްސަލާގައި އޭނާގެ މަންމަ ރަކީދޫ ލައިޓްހައުސް އާފިޔާގެ މައްޗަށް ކުރަނީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާއެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި އާފިޔާ ދައުވާ އަށް އެއްބަސްވީ ދައުލަތުން ދައުވާ އިއްވުމުން އާފިޔާއާ ފަނޑިޔާރު ކުރެއްވި ސުވާލުތަކަށް ޖަވާބުދެމުންނެވެ. ދައުވާއާ މެދު ބުނަނީ ކީކޭތޯ ފަނޑިޔާރު މުހުތާޒް ފަހުމީ ސުވާލު ކުރެއްވުމުން އާފިޔާ ބުނީ "އެއްބަސްވަން" ކަމަށެވެ. އެއްބަސްވަނީ ކޮން ކަމަކަށްތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން އާފިޔާ ބުނީ "އެ ބުނުއްވި ގޮތަށް" ކަމަށެވެ. އާފިޔާ އެހެން ބުނުމުން ފަނޑިޔާރު ވަނީ އިބްތިހާލްގެ ކަރުގައި ހިފިންތޯ އާއި މޭމަތީގައި ފައިން ޖެހިންތޯ އާފިޔާއާ ސުވާލު ކުރައްވައިފައެވެ. ކޮންމެ ސުވާލެއްގެ ޖަވާބުގައި ވެސް އާފިޔާ ވަނީ ހަމައެކަނި "ލައްބަ" އޭ ބުނެ އެއްބަސްވެފައެވެ. ފަނޑިޔާރު މުހުތާޒް ސުވާލު ކުރައްވަމުން ގެންދެވިއިރު އާފިޔާގެ ވަކީލް އާޒިމާ ޝަކޫރު ހުންނެވީ އެކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުން އަތްމައްޗަށް ނަންގަވައިގެންނެވެ. އާޒިމާ ވިދާޅުވީ އާފިޔާގެ ފަރާތުން ޖަވާބު ދާރީވާނެ ވަކީލަކު ހުއްޓައި އާފިޔާ އާއި ސުވާލު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސުވާލުކޮށް ނިންމާލުމަށް ފަހު ފަނޑިޔާރު މުހުތާޒް ވިދާޅުވީ ދައުވާއަށް ޖަވާބުދާރީވާންޖެހޭނީ ސީދާ ދައުވާލިބޭ މީހާ ކަމަށް ގަވާއިދުގައި އޮންނަ ކަމަށެވެ.މިއަދުގެ ޝަރީއަތް ފެށުމާ އެކު ދައުލަތުން ބުނެފައިވަނީ އެ މައްސަލާގައި އިތުރު ލިޔުންތަކެއް ލިބިފައިވާތީ އެ ލިޔުންތައް ދިރާސާ ކުރަން އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ. އަދި އެކަމަށް ފުރުސަތު ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ދައުލަތުން އެދުނެވެ. އަދި ދިރާސާ ކުރުމަށް ފަހު ދައުވާއަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ. އާފިޔާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރި ވީކަމުގެ ދަޢުވާ ދައުލަތުން އުފުލާފައި ވަނީ އެކި ދުވަސްމަތިން އިބްތިހާލަށް އަނިޔާކޮށްފައިވާ ކަމަށް ބުނެއެވެ. އަދި އެ ދައުވާއަށް އޭނާ ކުރިން ވަނީ އެއްބަސްވެފައެވެ. މި މައްސަލައިގައި އާފިޔާ ގެ އިތުރުން، އިބްތިހާލަށް ޖިންސީ ގޯނާ ކުރި މައްސަލާގައި، އާފިޔާގެ ދޮން ބައްޕަގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.