ޚަބަރު

ޗާޓަރު ދަތުރުތަކަށް ޙުއްދަ ދިނުމުގައި އިންޑިޔާއިން ތަފާތުކުރޭ: އެމެރިކާ


އިންޑިޔާގެ ސަރުކާރުން ޗާޓަރު ވައިގެ ދަތުރުތަކަށް ޙުއްދަ ދިނުމުގައި ތަފާތުކުރާކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ.

ކޯވިޑް-19ގެ ސަބަބުން އިންޑިޔާއަށް ކުރާ ހުރިހާ ތަވާލު ދަތުރުތައްވަނީ މެދުކަނޑާލާފައެވެ. އަދި ޗާޓަރު ދަތުރުތަކަށް ޙުއްދަ ދިނުމުގައި އެމެރިކާގެ ކުންފުނިތަކަށް ޙުއްދަ ދީފައިނުވާކަމަށް އެމެރިކާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިންވަނީ ބުނެފައެވެ.
އެމެރިކާގެ ސަރުކާރުން ބުނީ އިންޑިޔާގެ ޤައުމީ އެއަރލައިނުކަމަށްވާ އެއަރ އިންޑިޔާއިން މެއި މަހުގެ 7ވަނަ ދުވަހުން ފެށިގެން އެމެރިކާގައި ތިބި އިންޑިޔާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމަށް ދެ ޤައުމުގެ ދެމެދު ގިނަ ޗާޓަރު ދަތުރުތަކެއް ކޮށްފައިވާކަމަށެވެ. ނަމަވެސް އެއީ ތާވަލު ދަތުރުތައް ހުއްޓާލާފައިވުމުން އޭގެ ބަދަލުގައި ޓިކެޓު ވިއްކައިގެން ކުރަމުންދާ ދަތުރުތަކެއްކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

އެމެރިކާގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނީ އިންޑިޔާގެ ސަރުކާރުން އެމެރިކާގެ ކުންފުނިތަކާމެދު ޢަމަލުކުރަނީ އިންސާފުވެރިކޮށް ނޫންކަމަށައި ތަފާތުކުރުން ގެންގުޅޭކަމަށެވެ. އެހެންކަމުން އިންޑިޔާގެ އެއާލައިނުތަކުން އެމެރިކާއަށް ޗާޓަރު ދަތުރުތައް ކުރުމުގެ ކުރިން ޚާއްޞަ ޙުއްދައެއް ހޯދަންޖެހޭނެކަމަށް އެމެރިކާއިންވަނީ ނިންމާފައެވެ. އެ ނިންމުމުގެ މަޤްޞަދަކީ ދެ ފަރާތަށް ލިބޭ ފުރުޞަތުތަކުގައި އޮތް ފަރަޤު ކުޑަކޮށް ހަމަހަމަކުރުންކަމަށް އެމެރިކާއިން ބުނެއެވެ. އެ ނިންމުން ތަންފީޒުކުރަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 22ވަނަ ދުވަހުން ފެށިގެންނެވެ.