ވިޔަފާރި

ފަތުރުވެރިކަން ފަށާނެ ތާރީހް ރައީސް މިއަދު އިޢުލާން ކުރައްވާނެ


ފަތުރުވެރިކަން ފަށާނެ ތާރީހް ރައީސް މިއަދު އިޢުލާންކުރައްވާނެކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ފަތުރުވެރިން އަލުން ފަށާނެ ތާރީހް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު އިއުލާންކުރައްވާނެކަމަށެވެ.

"މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުހާތަބްކުރައްވާ، ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާނެ ތާރީޚެއް އިޢުލާކުރައްވާނެކަމަށް ބެލެވެނީ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަން އަލުން ފެށުމަށްވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމިފައިވާކަމަށެވެ.

ފަތުރުވެރިކަން އަލުން ފަށާނެ ތާރީޙް އިއުލާންކުރެއްވުމަށް ހަމަޖެހިފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ޖުލައި 1 ގައި ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެއަރޕޯޓްތަކާއި އެއަރލައިންތަކާއި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ވާންޖެހޭ ތައްޔާރީތަކުގެ މައިގަނޑު މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.