ޚަބަރު

ފެބްރުއަރީ 7، މަޖިލީހުން އަލުން ތަހްޤީޤުކުރާނަމަ އެއްބާރުލުން ދޭނަން - ޑރ.ވަޙީދު


2012ވަނަ އަހަރުގެ ފެބްރުރުއަރީމަހުގެ 7ވަނަ ދުވަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި މައްސަލަ ރައްޔިތުންގެ މަޖިލީހުން އަލުން ބައްލަވާނަމަ އެކަމަށް ދޭންޖެހޭ އެންމެހައި އެއްބާރުލެއްވުމެއް ދެއްވާނެކަމަށް ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ސިޔާސީ ޙަރަކާތްތަކުގެ އިސްސަފަށް ނުކުމެ ވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުނެނެވެ. ރައީސް ވަޙީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވިގޮތާމެދު އުފާކުރަން ނުޖެހޭ ކަމަށެވެ. އެއީ ޤައުމަށް ދިމާވި ވަރަށް ޚުޠޫރަތްތެރި ދަނޑިވަޅެއްކަމަށާ، އެވަގުތު އަދާކުރެއްވީ ޤާނޫނީގޮތުން އަދާކުރައްވަންޖެހޭ ޒިންމާކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ.

ވެރިކަން ބަދަލުވި ޙާދިސާ ތަހްޤީކުރެއްވުމަށް އުފެއްދެވި ކޮމިޝަން އޮފް ދަ ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ މަސައްކަތްތަކާއި، އެކޮމިޝަން އެކުލަވާލެއްވިގޮތް ރައީސް ވަޙީދުވަނީ މިރޭ ވަރަށް ތަފްސީލްކޮށް ވިދާޅުވެފައެވެ. ކޯނީގެ ރިޕޯޓަކީ އދ.އާއި އެނޫންވެސް ބައިނަލް އަޤުވާމީ ފަރާތްތަކާއި، ރާއްޖޭގައި ތިއްބެވި އެފަދަ މަސައްކަތެއް މިނިވަންކަމާއެކު ކުރެއްވޭނެ އެންމެ ޤާބިލް ބޭފުޅުން އެކުލަވާލެއްވި ރިޕޯޓެއްކަމަށާ، އެއަށްވުރެ އިންސާފުވެރި ފުރިހަމަ ރިޕޯޓެއް ނެރޭނަމަ އެއަށްވުރެ މޮޅު ޤާބިލް ބައިނަލް އަޤުވާމީ ފަރާތްތަކާއި، މީހުންގެ މައްޗަށް ކޮމިޝަނެއް އެކުލަވާލަން ޖެހޭކަމަށް ވިދާޅުވެ ރައީސް ވަޙީދުވަނީ ކޯނީގެ ރިޕޯޓު ދިފާޢުކުރައްވާފައެވެ.

ރައީސް ނަޝީދުގެ ނާއިބު ރައީސްގެ ގޮތުގައި ހުންނެވެވުމަށްފަހު އެމަނިކުފާނުގެ ވެރިކަން ބަދަލުވުމުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެންނެވީ ޑރ.ވަޙީދެވެ. މިއާއެކު ރައީސް ނަޝީދަށް ތާޢީދުކުރައްވާ އެތައްބަޔަކު ދެކޭގޮތުގައި ޑރ.ވަޙީދުވަނީ ރައީސް ނަޝީދަށް ޚިޔާނާތްތެރިވެވަޑައިގެންފައެވެ. އަދި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުންކަމަށް ގިނަބަޔަކު ތުހުމަތުކުރެއެވެ. އެހެންނަމަވެސް ރައީސް ޑރ.ވަޙީދުގެ ވެރިކަމުގައި އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމަވާފައިވަނީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫންކަމަށެވެ. މި ކޮމިޝަން އެކުލަވާލާފައިވަނީ ބައިނަލްއަޤުވާމީ ފަރާތްތަކުގެ ބައިވެރިވުމާއި އެމްޑީގެ ބައިވެރިވުމާވެސް އެކުއެވެ.

ޢަލި

ދެން ތަޙްޤީޤު ކުރަންވީނުން