ސިޔާސީ

10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ފައިސާނުދޭން ފާސްކޮށްފި


ދިހަ ހާސް މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް ދަޢުލަތުގެ ބަޖެޓުން ފައިސާ ނުދޭގޮތަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނަށް ހުށައަޅާފައިވާ މިއިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 49 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރު އަޙްމަދު އަޒްހާން ފަހުމީ ހުށައެޅުއްވި މިއިސްލާހުގައި ބުނެފައިވަނީ، ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ލިބޭނީ, އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަނި ކަމަށެވެ. އަދި  ގާނޫނަށް އަމަލު ކުރަން ފަށާ އިރު ތިންހާސް މެމްބަރުން ހަމަނުވާ ޕާޓީތަކަށް އެއަދަދަށް މީހުން ހަމަކުރުމަށް 3 މަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށާއި، 3000 މީހުންގެ ސޮއި ހޯދުމުން ސިޔާސީ ޕާޓީއެއް އުފެއްދޭނެ ކަމަށްވެސް ބުނެފައިވެއެވެ. މިއިސްލާހު ހުށައެޅުއްވުމުގެ މަޤްޞަދުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ބެލި މައްސަލައެއްގެ ގަޒިއްޔާގައި ފާހަގަކޮށްފައިވާ ނުކުތާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އެއިސްލާހުތައް ގެނައުންކަމަށެވެ.މީގެ އިތުރުން ވިހިހާސް މެމްބަރުން ހަމަވާ ޕާޓީތަކަށް އެ ޕާޓީތަކުގެ އިދާރީ އޮފީހާއި، އެޕާޓީތަކުގެ ހަރަކާތްތައް ހިންގުމަށް އެއްހާސް އަކަފޫޓުގެ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ސަރުކާރުން ހަމަޖައްސައިދެއްވަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.