މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލާފައިވާ މައްސަލަތަކުގައި ދައުވާނުކުރެވި ލަސްވެފައިވަނީ ފުލުސް އޮފީހުގެ އިހުމާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓްތަކާއި ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހަށް ލިބިފައިވަނީ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓް އެކަނިކަމަށެވެ. އެމައްސަލައިގަ މިހާރު ނުވެ އޮތް ހަމައެކަނި ކަމަކީ ދައުވާކުރުންކަމަށާއި ނަމަވެސް މިކަމުގައި ދައުވާނުކުރެވި ކޮމިޝަނުން ލަސްކުރަންވީ ސަބަބެއް ވިސްނި ވަޑައިނުގަންނަވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގައި ހުރި ރިޕޯޓްތަކާއި، މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓްތައްވެސް އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދަނީ ފުލުސް އޮފީހުގެ އިހުމާލުންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި އިސްލާހީ މަސައްކަތުގައި މަޖިލީހަށްވެސް މަސައްކަތް ފެށިފައިވަނީ ފަނޑިޔާރުގެއިންކަމަށާއި، ނަމަވެސް ފުލުސް އޮފީސްތެރޭގައި ހުރި މައްސަލަތައް އިސްލާހުނުކޮށް ކަންކަން ރަނގަޅުނުވާނެކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓްތަކުގެ ތެރެއިން ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަންވެސް މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކޮމިޓީގެ ރިޕޯޓްގައި ޑރ.އަފްރާޝީމް އަލީގެ މަރާއި ގުޅިގެން ފައިސާ ބަދަލުރި 12 މީހެއްގެ މައުލޫމާތާއި، ޑރ.އަފްރާޝީމްގެ މަރާއިގުޅޭ އެކިއެކި މައުލޫމާތުހުރި 36 މީހެއްގެ މައުލޫމާތުގެ އިތުރުން ހައްދު ފަހަނައަޅާފައިވާ ޖަމްއިއްޔާ ޖަމާއަތްތަކުގެ ގޮތުގައި، 4 ޖަމްއިއްޔާއެއްގެ މައުލޫމާތުވެސް ފާހަގަކޮށްފައިވެއެވެ.
މަޖިލީހުން މިމަސައްކަތްކޮށް މިކަމުގައި ޝާމިލުވާ މީހުންގެ ނަން ހާމަކޮށްފައިވާއިރުވެސް ދައުވާ ނުކުރެވި ލަސްވާކަމީ ކަންބޮޑުވާކަމެއްކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސްވަނީ މެމްބަރުންގެ ޚިޔާލުވެސް ތަޅުމުގައި ހޯއްދަވާފައެވެ. މިމައްސަލައިގަ ވާހަކަ ދެއްކެވި މެމްބަރުންވަނީ މަރުކޮމިޝަނަށް މަސައްކަތް ނުކުރެވިވެނީ ތަހުޤީޤީ އިދާރާތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބިގެންކަމަށެވެ. އެހެންކަމުން މިކަމުގައި މަޖިލީހުން ދެކޭގޮތް ހާމަކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް މިމައްސަލައިގަ ވާހަކަ ދެއްކެވި މެމްބަރުން ވަނީ ވިދާޅުވެފައެވެ.
މަޖިލިހުގެ ރައީސް ވިދާޅުވީ މަޖިލީހަށް ލިބިފައިވަނީ ޑރ.އަފްރާޝީމްގެ ރިޕޯޓްއެކަނިކަމަށެވެ. ރިޟްވާންގެ މައްސަލައިގަ ލިބިފައިވަނީ ޚުލާސާ ރިޕޯޓެއްކަމަށާއި އޭގެ ފަހުން އިތުރު އެއްވެސް އެއްޗެއް ލިބިފައިނުވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މިކަމުގައި ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ކަންކަން ބަލައި އިންސާފު ގާއިމްކޮށްދެއްވާނެކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.