ޚަބަރު

އިމިގްރޭޝަނުން "އިމުގާ"ގެ ނަމުގައި އޮންލައިން ޕޯޓަލްއެއް ޤާއިމްކޮށްފި


މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް އޮންލައިންކޯށް ފޯރުކޮށްދެވޭނެ އޮންލައިން ޕޯޓަލްއެއް އިފްތިތާހް ކުރައްވައިފިއެވެ.

"އިމުގާ"ގެ ނަމުގައި ތައާރަފްކުރި މި ޕޯޓަލްއަކީ ވީހާވެސް ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމާއި ގާތުން ޚިދުމަތް ދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯޓަލްއެއް ކަމުގައި އިމިގްރޭޝަނުން ވިދާޅުވެއެވެ. މި އޮންލައިން ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެކަމަށާއި އެކިކަހަލަ ވިސާތަކަށްވެސް އެދި ހުށައެޅޭނެ ކަމުގައި އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި އޮންލައިން ޕޯޓަލްއިން އެންމެ ފުރަތަމަ ލިބޭނެ ޚިދުމަތަކީ ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ކަމަށާއި އެ ޚިދުމަތް އަންނަ ހަފްތާތެރޭ ލިބެން ފަށާނެކަމަށެވެ. އެއަށް ފަހު އިތުރު ޚިދުމަތްތައްވެސް ތަޢާރަފް ކުރަމުންދާނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ދެމުންގެންދާ ޚިދުމަތްތައް މި ޕޯޓަލް މެދުވެރިކޮށް ދޭން ނިންމާފައިވާއިރު އިމިގްރޭޝަންގެ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

މިގޮތުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިމިގްރޭޝަނުން ހޯދާ ހުރިހާ ޚިދުމަތްތަކަށް މިހާރު ފައިސާ ދެއްކެއެވެ.