މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލައި ތަހުޤީޤުކުރަމުން ގެންދިޔަ މައްސަލަތައް އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަންގެ ރިޕޯޓްގައި މިސްކިތްތަކުގައި މިފަދަ ހަރަކާތްތައް ހިންގާއިފައިވާކަން އެގޭއިރު އެކަންކަން ހުއްޓުވުމަށް ކުރެވޭ މަސައްކަތާއި ގުޅޭގޮތުން ހިތަދޫ އުތުރު ދާއިރާ މުޙައްމަދު އަސްލަމް ކުރެއްވި ސުވާލާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަން އެގޭ ހިސާބުން ފިޔަވަޅު އަޅައި ކަމާއިބެހޭ ފަރާތްތަކަށް އެކަންކަން ރިޕޯޓްކޮށްފައި ވާނެކަމަށެވެ.
މިނިސްޓަރުގެ ޖަވާބަށްފަހު ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ މަރުކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓްގައި މިސްކިތްތަކުގައި މިފަދަ ކަންކަން ރާވައި ހިންގާކަން ހާމަކޮށްފައި ވާކަމަށެވެ. މަޖިލިސް ރައީސް ވިދާޅުވީ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ކުރިއަށް ނުގެންދެވޭނެކަމަށް މިހާރު މަޖިލީހަށް އަންގާފައިވާކަމަށެވެ. އަދި މިކަމުގައި ކުރިއަށްދާނެ ވަކިގޮތެއްވެސް އަންގާފައި ނުވާކަމަށެވެ.
މަޖިލިސް ރައީސް ވަނީ މަރުކޮމިޝަންގެ މަސައްކަތްތަކާއިމެދު ހިތްޕުޅުހަމަޖެހި ވަޑައިނުގެން ކޮމިޝަންނުން މަސައްކަތް ކުރައްވާފައިގޮތާއިމެދުވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރިޕޯޓްގައި ވަރަށް ތަފްސީލުކޮށް މިކަންކަން ކުރި މީހުންނާއި، ރޭވި މީހުންނާއި، ޚަރަދު ކުރިމީހުންނާއި، ތަންތަންވެސް އެގެންއޮވެ އެއިން މީހަކަށް ދައުވާ ނުކުރެވިފައިވާކަމީ ކަންބޮޑުވާނެޖެހޭކަމެއްކަމަށެވެ.
"އެބޭފުޅުން ވިދާޅުވާ ގޮތުގައި އެބޭފުޅުންނަށް ދެން އިތުރުހެއްކެއް ހޯދެން ނެތްކަމަށްވަނީ. މިމަޖިލީހުން އަބަދުވެސް ފާހަގަކުރަމުންއައި އެއްކަމަކީ އެޑްރާފްޓް މިތަނަށް ލިބުނުއިރު ހުރި މިންވަރަށް ދައުވާ ނުކުރެވުނީ ކީއްވެގެންތޯއޭ؟ އެބޭފުޅުން ވިދާޅުވަނީ ހަމައެކަނި ވަޅިޖެހި މީހާއަށޭ ތިމަންމެން ދައުވާކުރާން މިއުޅެނީ. އެކަން ހިންގާ އޭގެ އިންތިޒާމާއި، އޭގެ ބައިވެރިންނާއި، އެ ސިއްރުކުރި މީހުންނާއި ޙަރަދުކުރި މީހުންނާއި، މުޅިމިކަމަށް ފުރިހަމައަށް އެކޮމިޝަނަށް ބެލިފައިނުވޭ. އެބޭފުޅުން ވިދާޅުވީ ޑްރާފްޓް ކޮޕީ ނިކުތީމާ ތަހުޤީގަށްހުރަސް އެޅުނީކަމަށް. މިއީ އަޅުގަނޑު ދެކޭގޮތުގައި މުއުޖިޒާއެއްކަހަލަ ބާވަތުގެ ކަމެއް" މަޖިިލިސް ރައީސް ވިދާޅުވިއެެވެ.
މަރު ކޮމިޝަނުން ބަލައި އެކުލަވާލި ރިޕޯޓްތަކުގެ ތެރެއިން އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި، ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި ރިޕޯޓުގެ ޑްރާފްޓް މަޖިލީހަށް ފޮނުވައި، މަޖިލީހުންވަނީ އެރިޕޯޓް އާންމުންނަށް ފެންނާނެހެން އާންމުކޮށްފައެވެ.
ޑރ.އަފްރާޝިމް ޢަލީ އާއި ނޫސްވެރިޔާ އަޙްމަދު ރިޟުވާނާއި ބްލޮގަރ ޔާމީން ރަޝީދު މަރާލަން ރާވާ އެކަންކުރުވިކަމަށް ތުހުތުކުރެވޭ މީހުންގެ މައްޗަށް ދަޢުވާކުރުމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް 2 ފަހަރެއްގެ މަތީން ވަނީ ފޮނުވާފައެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުންވަނީ އެމައްސަލަތަކުގެ ތަޙްޤިޤުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ހުރުމުން އެމައްސަލަ އަނބުރާ ފޮނުވާލާފައެވެ.
މިމައްސަލަތަކުގައި ރިޔާސީ ކޮމިޝަނުން ދަޢުވާކުރުމަށް އެދިފައި ވަނީ މުޙައްމަދު މަޒީދާއި، ސާމިތު މުޙައްމަދުގެ މައްޗަށެވެ. އަދި ޑރ.އަފްރާޝީމްގެ މަރުގެ ތަހްގީގަށް ދޮގު މައުލޫމާތު ދީ ތަހްގީގަށް ހުރަސް އެޅުއްވިކަމުގެ ތުހްމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ މައްޗަށްވެސް ދައުވާކުރުމަށް އެދިފައި ވެއެވެ.
ޑރ.އަފްރާޝީމާއި ޔާމީން ރަޝީދާއި އަޙްމަދު ރިޟްވާން މަރުގެ މައްސަލާގައިގެ އަޑީގައިވަނީ ހަރުކަށި ފިކުރުގެ މީހުން ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އަލްޤައިދާގެ ގޮފި ރާއްޖޭގައި ހިންގަނީ ކުދިކުދި ސެލްތަކެއްގެ ގޮތުގައިކަމަށްވެސް މަރުކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" އެކުލަވާލާ އެ ކޮމިޝަނަށް މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް އައްޔަންކުރެއްވީ 17 ނޮވެންބަރު 2018 ވީ ދުވަހުއެވެ. އެންމެ ފުރަތަމަ އެކުލަވާލި ކޮމިޝަންގައި ހިމެނިވަޑައިގެންނަވާ މެމްބަރުންނަކީ:
- އަލްއުސްތާޛު ޙުސްނުއްސުޢޫދު، ހަސަންކާރިގެ، ސ.މީދޫ (ކޮމިޝަންގެ ރައީސް)
- އަލްފާޟިލް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
- އަލްއުސްތާޛާ ފަރީޝާ ޢަބްދުﷲ، މާތޮޑާއަވަށް. ބަގީޗާގެ، ގދ.ފަރެސްމާތޮޑާ
- އަލްފާޟިލް މިޞްބާޙް ޢައްބާސް، ބަހާރީވިލާ، ގދ.ރަތަފަންދޫ
މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާއި ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ. ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ސްޕްރީމްކޯޓުގެ ފަޑިޔާރަކަށް އައްޔަންކުރުމާއި ގުޅިގެން ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުގައެވެ. އަދި ހަމައެދުވަހު ކޮމިޝަންގެ މެމްބަރު އާދަމް އިބްރާހީމްވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެދުވަހުގެ ފަހުން ކޮމިޝަންގައި މަސައްކަތް ކުރަމުންދަނީ 3 މެމްބަރުންނެވެ.