ވިޔަފާރި

އެމްއޭސީއެލްގެ އާމްދަނީ 98 އިންސައްތަ ދަށަށް، ޚަރަދުތައް ހަމަޖައްސަން ލޯނެއް ނަގަނީ


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެ، ބައެއް ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ބެންކުން ލޯނެއް ނެގުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސް.އޯ.އީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙް ވިދާޅުވީ މިދިޔަ ޑިސެމްބަރުމަހާއި ޖެނުއަރީމަހު އެމްއޭސީއެލްއަށް ރަނގަޅު އާމްދަނީއެއް ލިބިފައިވާކަމަށެވެ. އަދި ފެބްރުއަރީމަހުވެސް ރަނގަޅު އާމްދަނީއެއް ލިބުނުކަމަށާއި، ނަމަވެސް އޭރު ބައެއް ޚިދުމަތްތަކުން ލިބެމުންދިޔަ އާމްދަނީ ދަށަށް ދާން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މާޗު މަހުން ފެށިގެން އާމްދަނީ ދަށަށް ގޮސް މޭމަހުގެ ނިޔަލަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް މޫސާ ޞާލިހު ވިދާޅުވިއެވެ.

"މޭމަހާ ހަމައަށްދިޔައިރު، އާމްދަނީ ވަނީ ކުރިއަހަރާ އަޅާބަލާއިރު 98 އިންސައްތަ ދަށަށް ގޮސްފައި. ކުރީގެ ރެވެނިއުއާ އަޅާބަލާއިރު ލިބުނީ 2 އިންސައްތަ" ޞާލިހު ވިދާޅުވިއެވެ.

ޞާލިޙު ވިދާޅުވީ އާމްދަނީ ދަށަށްދާން ފެށުމުގެ ކުރިން ފެބްރުއަރީމަހު ޚަރަދުކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށެވެ. އަދި މުވައްޒަފުންގެ މުސާރަ ފިޔަވައި ހުރިހާ ޚަރަދެއް ކުޑަކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިހާރުވެސް ކުރިއަށްދާ އެއަރޕޯޓްގެ ތަރައްޤީގެ ޕްރޮޖެކްޓްތަކަށް އެކަނި ކެޕިޓަލް ޚަރަދުކުރަނީ. އެއީ ޕްރޮޖެކްޓްތަކަށް ހުއްޓުމެއް އަޔަނުދިނުމަށް. ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި އިތުރު ޚަރަދެއް ނުކުރޭ" ޞާލިހު ވިދާޅުވިއެވެ.

ޞާލިހު ވިދާޅުވީ އާމްދަނީ ދަށްވުމުގެ ސަބަބުން ބައެއް ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ބެންކުން ލޯނެއް ނެގުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

"ބީއެމްއެލްއިން ލޯނެއް ނެގުމަށް ވަނީ ނިންމާފައި. ބައެއް ކަހަލަ އިކުއިޕްމަންޓްއް ހޯދުމަށާއި އެހެން ބައެއް ޚަރަދުތައް ޙަމަޖެއްސުމަށް" ޞާލިހު ވިދާޅުވިއެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެމްއޭސީއެލްގެ އާމްދަނީ ދަށްވެފައިވަނީ ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފްލައިޓްތަކުގެ އޮޕަރޭޝަން ހުއްޓާލުމާ ގުޅިގެނެވެ. ނަމަވެސް ޖުލައި 1 ގައި އަލުން އޮޕަރޭޝަންތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމަވެފައިވާކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ.