ޚަބަރު

އެމްއެމްޕީއާރުސީއާ ގުޅޭ އެއްވެސް މައްސަލައެއް ނުބަލަން އަންގަވާފައެއް ނުވޭ - ޕީޖީ


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ އެއްވެސް މީހެއްގެ މައްސައެއްވެސް ނުވަތަ މައްސަލައެއްގެ ބައެއް ބައެއް ތަޙްޤީޤް ނުކުރުމަށް، އެއްވެސް ފަރާތަކަށް އަންގަވާފައި ނުވާނެކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

"އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ނުބަލަން ނިންމައިފި" މިނަމުގައި އޮންލައިން ނޫހެއްގައި މިދިޔަ ހުކުރު ދުވަހު ޝާއިޢުކޮށްފައިވާ ޚަބަރު ދޮގުކުރައްވައި ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ޕީޖީ އޮފީހުން ވިދާޅުވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ މިއަދުގެ ސަރުކާރަށާއި ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މައްސަލަތައް ނުބަލަން ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް، ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިރުޝާދު ދީފައިވާކަމަށް" އެނޫހުގައި ލިޔެފައިވަނީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކައެއްކަމަށެވެ.

އަދި ރާއްޖޭގެ ތަޙްޤީޤީ އިދާރާތަކަކީ ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް މިނިވަންކަމާއެކު ތަޙްޤީޤްކުރުމުގެ ބާރު ލިބިދީފައިވާ އިދާރާތަކަކަށްވާއިރު، ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމާމެދު ގޮތް ނިންމުމާއި، ތަޙްޤީޤް ނުކުރުމަށް ނިންމުން ފަދަ ނިންމުންތަކަކީ ޕްރޮސިކިއުޓަރ ޖެނެރަލް ކުރައްވާ ކަމެއް ނޫންކަމަށް މިބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.

އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ އެއްވެސް މީހެއްގެބައި ތަޙްޤީޤް ނުކުރުމަށް، ނުވަތަ އެ މައްސަލައާ ގުޅުންހުރި އެއްވެސް މީހެއްގެ މައްސަލައެއް ޕީޖީ އޮފީހަށް ބަލައި ނުގަތުމަށް، ނުވަތަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެއްވެސް އިރަކު، އެއްވެސް މީހަކަށް ނުވަތަ އިދާރާއަކަށްވިޔަސް އަންގަވާފައިވެސް އަދި އިރުޝާދުދެއްވާފައެއް ނުވާކަމަށާއި، މިހާތަނަށް، އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ހުށަހެޅި އެއްވެސް މައްސަލައެއްގައި މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ ނުކުރަން ނިންމާފައެއްވެސް ނުވާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މިއާއެކު ޕްރޮސިކިއުޓަރ ނެރަލްއާއި، އެއޮފީހާމެދު ޢާންމުންގެ މެދުގައި އިތުބާރު ގެއްލޭގޮތަށް އެއޮފީހުގެ ބަހެއް ހޯދުމަށް މަސައްކަތްނުކޮށް ދޮގު ޚަބަރެއް ފަރުރާފައިވުމަކީ ނޫސްވެރިކަމުގެ އުސޫލުތަކާ ޚިލާފު ޢަމަލެއްކަމަށް ޕީޖީއޮފީހުން ވިދާޅުވެފައިވެއެވެ. އަދި އެލިއުމަކީ ޕްރޮސެކިއުޓަރ ޖެނެރަލާއި، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ކުރާ އިތުބާރު ގެއްލޭގޮތަށް، ޝާއިޢުކޮށްފައިވާ ލިޔުމަކަށްވާތީ، އެމައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅުމަށް ނިންމާފަިއވާކަމަށް ޕީޖީ އޮފީހުންވަނީ ވިދާޅުވެފައެވެ.