ޚަބަރު

މުދައްރިސުންގެ މުސާރަ ބޮޑުވާގޮތަށް "ތަޢުލީމާ ބެހޭ" ޤާނޫނު އެކުލަވާލަނީ


މުދައްރިސުންނަށް މުސާރަދިނުމުގައި އެންމެ މަތީ ލައިސަންސް އޮންނަ މީހުންނަސް މުސާރަ ބޮޑުވާގޮތަށް "ތަޢުލީމާ ބެހޭ" ޤާނޫނު އެކުލަވާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވަނީ މުދައްރިސުންގެ އަތުގައި ކިޔަވައިދިނުމުގެ ލައިސަންސް އޮތުމަކީ ތަޢުލީމީ ދާއިރާ ކުރިއަރުވައި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް ލިބިގެންދާނެ ފުރުޞަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ކިޔަވައިދޭ މުދަރިސުންނަކީ ލައިސަންސް އޮންނަންޖެހޭ ބައެއްކަމަށް ޤާނޫނަކުން ކަނޑައަޅައިފިނަމަ އެ ހޯދުމަށް މުދައްރިސުން މަސައްކަތް ކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ކޮމިޓީގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ތަޢުލިމާ ބެހޭ ޤާނޫނު އެކުލަވާލާއިރު މުދައްރިސުންގެ ލައިސަންސާއި އެމީހުންނަށް ލިބޭ މުސާރައާ ގުޅުވުމަކީ މުހިއްމުކަމެއްކަމަށެވެ. މީގެ އިތުރުން އެ ލައިސަންސަކީ ވަކި މުއްދަތަކަށް އޮންނަ އެއްޗަކަށް ހެދުމުގެ މުހިއްމުކަން ފާހަގަކުރައްވާ ދެވަނަ ފަހަރަށް ލައިސަންސް ދޫކުރާއިރު ކުރިން ކޮށްފައިވާ މުހިންމު މަސައްކަތްތަކަށް ބެލުމަށްފަހު އަލުން ލައިސަންސް ދޫކުރުން މުހިންމު ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"ޑިގްރީ ހަދާފައިވާ މީހެއްނަމަ އެންމެ މަތީ ލެވެލްގެ ލައިސަންސް ލިބޭ މީހާގެ މުސާރަ ބޮޑުވާނެގޮތަށް. ޑިގްރީން އެކަނި ފުއްދާލުމުގެ ބަދަލުގައި ފުރަތަމަ ލައިސަންސް ލިބޭ މުއްދަތުން ފެށިގެން ދެވަނަ ލައިސަންސް ލިބުމާ ދޭތެރޭގައި ސްކޫލްގައި ކޮށްފައިވާ އެހެނިހެން ކަންތައްތައްކަށް ބެލުން މުހިއްމު"ޑރ.އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ތަޢުލީމާ ބެހޭ ބިލު ދިރަސާ ކުރުމަށް މިހާރު ކޮމިޓީ މަރުހަލާގައި އޮތް އިރު މި ބިލު ޤާނޫނަކަށް ބަދަލުވެގެން އަންނަ އިރު އޭގައި ޓީޗަރުންނަށް ލައިސަންސް ދޫކުރާގޮތަށް އޮތް ނަމަވެސް ، ދަރިވަރުންނަށް އަނިޔާކުރުންފަދަ ޓީޗަރުންގެ ފަރާތުން ފެންނަންނުޖެހޭ ކަމެއް ފެނިއްޖެނަމަ އެ ލައިސަންސް އަތުލެވޭގޮތަށް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި މިނިސްޓްރީން ވަނީ އެކަން ކޮމިޓީއަށް ހުށަހަޅާފައެވެ.

ކުދޭ

ނަރުހެއްގެ ވަޒީފާއަށް ޝަރުތުހަމަވަނީ ނަރސިންގ ސެޓްފިކެޓް އޮތްނަމަ. އަދި މިހާރުވެސް ނަރުހުން ލައިސެންސެއްނަގާކަމަށް މަޢުލޫމާތު ލިބޭ. މިކަމަށް ދަޢުލަތަށް ފީ ދަށްކަންޖެހޭ. ޓީޗަރަކަށް ވެވޭނީ ޓީޗިންގ ސެޓެފިކެޓެއް އޮވެގެންކަމަށް ޝަރުތުކޮށްފަވާއިރު އިތުރު ލައިސެންސެއް ނަގާގޮތަށް ސިސްޓަމަށް ޗޭންޖެއް ގެނައުމަކީ ދަޢުލަތަށް ފައިސާ ނަގަން ޖަހާ މަޅިއެއްކަމަށް ބެލެވެނީ.

އެދުރު

ކިހައިވަރަކުން ދާނެބާ! މީހުން ބިނާކޮށްފައި ލައިސަންސްގެ ވާހަކަ ދެއްކުން ބުއްދިވެރި! އަދި ލައިސަންސްގެ ސަބަބުން ތައުލީމީ ދާއިރާ ހަލާކު ނުވެ، ކުރިޔަށް ގޮއްސިއްޔާ ރަނގަޅު!