ޚަބަރު

ކަރަންޓީނު ނުވެ އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް ސްޕެއިނަށް އެތެރެވެވޭނެ


އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ނުވެ ސްޕެއިނަށް އެތެރެވެވޭނެކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

އަހަރެއްގެ މައްޗަށް ސްޕެއިނަށް ޒިޔާރަތްކުރާ 80 މިލިއަނަށްވުރެ ގިނަ ފަތުރުވެރިންގެ 20 އިންސައްތައަށްވުރެ ބޮޑު ޢަދަދެއް ޙިއްޞާކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. ކޯވިޑް-19 ފެތުރެން ފެށުމުން ކުއްލި ޙާލަތު އިޢުލާނުކޮށް ސްޕެއިންވަނީ ފުރަބަންދުކޮށްފައެވެ. އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ފާއިތުވި ހަފުތާތަކުގައިވަނީ ލުއިތަކެއް ދޭން ފަށައިފައެވެ.

ސްޕެއިނުގައި އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނެސް، ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ ޤައުމުތަކާއި ޝެންގެން ސަރަޙައްދުގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޖޫން 21ވަނަ ދުވަހުން ފެށިގެން ކަރަންޓީނު ނުވެ އެތެރެވެވޭނެކަމަށް އެ ޤައުމުންވަނީ އިޢުލާނުކޮށްފައެވެ. ސްޕެއިނުން ބުނީ އިނގިރޭސިވިލާތުން ދަތުރުކުރާ ފަތުރުވެރިންނާމެދު ޢަމަލުކުރާނީ ވިލާތުގެ އެހެން ޤައުމުތަކުގެ ފަތުރުވެރިންނާމެދުވެސް ޢަމަލުކުރާ އުޞޫލުންކަމަށާއި އެ ޤައުމަށް ޒިޔާރަތްކުރާ ކޮންމެ މީހެއް ދަތުރުކޮށްފައިވާ ތަންތަނުގެ މަޢުލޫމާތާއި ގުޅޭނެ ނަންބަރު ނެގުމަށްފަހު ހަށިގަނޑުގެ ފިނިހޫނުމިން ބަލާނެކަމަށެވެ.

ބޭރު ޤައުމުތަކަށް ދަތުރުކުރުމަށްފަހު އެނބުރި އިނގިރޭސިވިލާތަށް އަންނަ މީހުން 2 ހަފުތާގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ސިޔާސަތުގެ ސަބަބުން އެ ޤައުމުގެ ރައްޔިތުން އެހެން ޤައުމުތަކަށް ދަތުރުކުރަން ބޭނުން ނުވުމަކީ އެކަށީގެންވާކަމެކެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ މީގެ 3 ހަފުތާ ކުރިން ޢަމަލުކުރަން ފެށި ސިޔާސަތަށް ބަދަލު ގެނައުމަށް ނިންމާފައި ނުވާކަމަށެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ސްޕެއިން ހިމެނެއެވެ. އިނގިރޭސިވިލާތުގައި 42،500 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި 28،300 މީހުންނަށް ސްޕެއިނުގައިވަނީ ކޯވިޑް-19 ޖެހިފައެވެ. ސްޕެއިނުން ބުނީ ފަތުރުވެރިންނަށް އެ ޤައުމު ހުޅުވާލާނީ އެ ޤައުމަށް ޒިޔާރަތްކުރާ މީހުންނާއި ސްޕެއިނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ގޮތަކަށްކަމަށެވެ.