ކުޅިވަރު

ސީނިއަރ ވޮލީ ޓީމްގެ ތައިލެންޑް ކޯޗުގެ އެއްބަސްވުން އާކޮށްފި


ސީނިއަރ ޤައުމީ ވޮލީބޯޅަ ޓީމްގެ ތައިލެންޑް ކޯޗުގެ އެއްބަސްވުން ފެބްރުއަރީގެ ނިޔަލަށް އާކޮށްފިއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށްފަހު އެއްބަސްވުމުގެ މުއްދަތު ހަމަވާގޮތަށް އޮތް ކޯޗު ސުންޓޮން ފޮސީޓާއަށް މިހާރު ހަވާލުވެފައިވާ ޒިންމާއަކީ އަންނަ އަހަރުގެ ޖެނުއަރީ މަހު އިންޑިޔާގައި އޮންނަ ސައުތް އޭޝިޔަން ގޭމްސްއަށް ޓީމް ތައްޔާރުކޮށް، އެމުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދައިދިނުމެވެ. އެންމެ ފަހުން ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލްއެއް ހޯދައި ނުދެވުމުން އެކަމުގެ ޒިންމާ ނަގާކަމަށް ކޯޗު ވަނީ ބުނެފައެވެ. ވޮލީބޯޅަ އެސޯސިއޭޝަންގެ ނައިބުރައީސް އިލްޔާސް ވަހީދު ވިދާޅުވީ ކޯޗަށް އާއެއްބަސްވުމެއް ހުށައެޅީ އޭނާގެ އިރުޝާދުގެ ދަށުން ނެރުނު ނަތީޖާތަކާއި މެދު ހިތްހަމަ ޖެހޭތީކަމަށެވެ." ނަތީޖާތަކާއި މެދު ހިތްހަމަ ޖެހޭ. އެހެންވެ އާއެއްބަސްވުމެއް ހުށައެޅީ. " ކުރިއަށް އޮތް ދައުރަށް އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލާނެކަން އިއުލާންކޮށްފައިވާ އިލްޔާސް ވަހީދު ވިދާޅުވިއެވެ.މިކޯޗުގެ އިރުޝާދުގެ ދަށުން ސީނިއަރ ވޮލީ ޓީމް ވަނީ މިއަހަރު ބަނގްލަދޭޝްގައި އޮތް އޭޝިޔަން ސީނިއަރ މެން ސެންޓްރަލް ޒޯން ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދާފައެވެ. ފައިނަލްގައި ދިވެހި ޓީމް ބަލިވީ ތުރުކެމްނިސްތާނާއި ވާދަކޮށް ތިން ސެޓް ދެ ސެޓުންނެވެ. ދިވެހި ޓީމް ބަލިވީ ފުރަތަމަ ދެ ސެޓް ހޯދާފައިވަނިކޮށެވެ.