ޚަބަރު

ކޯވިޑް-19 : އިތުރު 37 މީހުން ޕޮޒިޓިވްވެއްޖެ


އިތުރު 37 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، ރާއްޖޭގައި ބަލިޖެހުނު މީހުންގެ އަދަދު 2187އަށް އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭގެ އިރުއޮއްސި 6އިން މިރޭ އިރުއޮއްސި 6 ޖެހުމާހަމައަށް ޓެސްޓްކުރެވުނު 840 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 37 މީހުންގެ ތެރެގައި ގިނައީ ދިވެހިން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި، ބަންގްލަދޭޝްގެ 12 މީހުންގެ އިތުރުން، އިންޑިއާގެ 6 މީހުން ކަމަށެވެ.

މިއަދު ޕޮޒިޓިވްވިކަން ހާމަކުރި މީހުންގެ ތެެރޭގައި ގއ. މާމެންދޫން ޕޮޒިޓިވްވި އިތުރު ދެ މީހުންނާއި، ކަރެކްޝަނަލް ސަރވިސްގެ އޮފިސަރެއްގެ އިތުން ކްރިމިނަލް ކޯޓުގެ މުވައްޒަފެއްވެސް ހިމެނެއެވެ.

މިއަދު އެކަނިވެސް ކޯވިޑް19 އަށް ޓެސްޓްކުރުމަށް 1183 ސާމްޕަލްވަނި ނަގާފައެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް19 އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްތަކުގެ އަދަދުވަނީ 40848 އަށް އިތުރުވެފައެވެ.

އައިސޮލޭޝަންގައި 294 މީހުން މިވަގުތު ތިބިއިރު، ރާއްޖެއިން ބޭރުން އަންނަ މީހުންނާއި ކޮންޓެކްޓް ޓްރޭސްކުރުމުގެ ތެރެއިން ފާހަގަވާ މީހުން ގެންދާ ކަރަންޓީން ފެސިލިޓީތަކުގައި މިވަގުތުތިބީ 151 މީހުންނެވެ.