މުނިފޫހިފިލުވުން

"ނެގެޓިވިޓީ"އާއި ދުރަށްކަމަށްބުނެ ސޮނާކްޝީ އޭނާގެ ޓްވިޓަރ އެކައުންޓް ޑިއެކްޓިވޭޓްކޮށްފި


ބޮލީވުޑްގެ ކާމިޔާބު ބަތަލާ ސޮނާކްޝީ ސިންހާ އޭނާގެ ޓުވިޓަރ އެކައުންޓް ޑިއެކްޓިވޭޓްކޮށްފިއެވެ.

ސޮނާކްޝީ އޭނާގެ ޓުވިޓަރ އެކައުންޓުން އެންމެފަހުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ އަމިއްލަ ނަފްސު ހަމައިގައި ބަހައްޓާ ހަމަޖެހުން ހޯދަން ބޭނުންނަމަ ފުރަތަމަވެސް ކުރަންވީކަމަކީ "ނެގެޓިވިޓީ" ނުވަތަ މީހުންގެ ނުރަނގަޅު ފާޑުކިއުންތަކުން ދުރުވުންކަމަށެވެ. އަދި އެކަން އެންމެ ބޮޑަށް ފެނިގެންދަނީ ޓުވިޓަރއިން ކަމަށާއި، ޓުވިޓަރ އެކައުންޓް ޑިއެކްޓިވޭޓްކޮށްލާނެކަމަށްވެސް ބުނެފައިވެއެވެ. މިގޮތަށް ޓުވިޓްކުރިތާ މާގިނައިރުތަކެއްނުވެ ސޮނާކްޝީވަނީ އޭނާގެ ޓުވިޓަރ އެކައުންޓް ޑިއެކްޓިވޭޓްކޮށްފައެވެ.

އެކައުންޓް ޑިއެކްޓިވޭޓް ކޮށްލިއިރު 15.9 މިލިއަން މީހުންދިޔައީ ސޮނާކްޝީ ފޮލޯކުރަމުންނެވެ. ސޮނާކްޝީގެ އެންމެފަހު ޓުވިޓްގެ ސްކްރީން ޝޮޓެއް އޭނާ ވަނީ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓްކޮށްފައެވެ. "ކިޔަން ބޭނުން އެއްޗެއް ކިޔާށޭ، އަހަރެންގެ ފަރުވާލެއްނެތޭ" މިފަދަ މާނައެއް ދޭހަވާ މޭރުމަކުން އެ ޕޯސްޓުގެ ކެޕްޝަނަކަށް ސޮނާކްޝީ ލިޔެފައިވަނީ "އާގް ލަގޭ ބަސްތީމޭ، މޭ އަޕްނީ މަސްތީ މޭ" މިފަދައިންނެވެ.

ޓުވިޓަރއިން ދުރުވުމަށްފަހު 18.5 މިލިއަން މީހުން ފޮލޯކުރާ ސޮނާކްޝީގެ އިންސްޓަގްރާމް އެކައުންޓުގެ ޕޯސްޓްތަކަށް ކޮމެންޓްވެސް ނުކުރެވޭގޮތް އޭނާ ވަނީ ހަދާފައެވެ.

ބޮލީވުޑްގެ ޒުވާންތަރި، ސުޝާންތު ސިންގް ރާޖްޕުތު މިމަހުގެ 14 ވަނަ ދުވަހު އަމިއްލައަށް ދަންޖެހިގެން މަރުވުމާގުޅިގެން، ބޮލީވުޑަކީ ތަފާތުކުރުން އިންތިހާއަށް އޮތްތަނެއްކަމަށްބުނެ، ބޮލީވުޑްގައި ހަރަކާތްތެރިވާ "ސްޓަރކިޑްސް" ނުވަތަ މަޤްބޫލު ތަރިންގެ އާއިލާއަށް ނިސްބަތްވާ ފަންނާނުންނަށް އެކި ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި އެއް ފަންނާނަކީ ސޮނާކްޝީއެވެ. އޭނާއަކީ 1970 ގެ އަހަރުތަކާއި 1980ގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި ކާމިޔާބު ތަރި ޝަތުރުގަން ސިންގހާއާއި 1968 ވަނަ އަހަރު މިސް އިންޑިއާ ކާމިޔާބުކުރި ޕޫނަމް ޗަންދިރަމަނީގެ އެންމެ ހަގު ދަރިިއެވެ.

ސުޝާންތުގެ ކުއްލި މަރާގުޅިގެން، ގިނަ ބަޔަކު އަންނަނީ އޭނާގެ މަރުގެ ޒިންމާ ބޮލީވުޑްގެ ފުންނާބު އުސް ތަރިން ނަގަންޖެހޭނެކަމަށް ބުނަމުންނެވެ. އަދި އޭނާއަށް އިންޑަސްޓްރީގެ ބޭނުން އެންމެޖެހުނު ދުވަހު އެހީތެރިކަމުގެ އަތެއް ދިއްކޮށްނުލާ، މިހާރު އޭނާގެ މަރާގުޅިގެން ހަމްދަރުދީ ފާޅުކުރުމުގެ އެއްވެސް ބޭނުމެއްނެތްކަމަށް ބުނެ ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުންނަށް އެކި ފަރާތްތަކުން އަންނަނީ ނުރުހުމާއި ނަފްރަތުގެ ބަސްތައް އަމާޒުކުރަމުންނެވެ. ބެލެވޭގޮތުގައި ސޮނާކްޝީ ޓުވިޓަރއާއި ދުރަށްދިޔައީ އެފަދަ ފާޑުކިއުންތަކާ ގުޅިގެންނެވެ.