ގއ.މާމެންދޫގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މިހާއާއެކު ހޯމް ކަރަންޓީންވި އޭނާގެ އާއިލާގެ ދެ މީހުންވެސް ޕޮޒިޓިވް ވެއްޖެއެވެ.
މާލޭގައި ތިބުމަށްފަހު މިމަހުގެ 13ވަނަ ދުވަހު މާމެންދުއަށް ގޮސް ހޯމްކަރަންޓީންގައި ހުރި ޢުމުރުން 28 އަހަރުގެ ފިރިހެންމީހާ ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެގޭގައި ހޯމްކަރަންޓީންގައި ތިބި އޭނާގެ އަންހެން ދެ ކޮށްކޮވެސް ޕޮޒިޓިވްވެފައިވާކަން އެރަށުކައުންސިލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ފަހުން ޕޮޒިޓިވްވި ދެ މީހުންނަކީވެސް 13ވަނަ ދުވަހު ކޫއްޑުއަށް ދަތުރުކުރި ފްލައިޓްގައި ދަތުރުކުރި ދެމީހުންނެވެ. އެ ފްލައިޓްގައި ޖުމްލަ 40 މީހަކު ދަތުރުކޮށްފައިވާކަމަށާއި ދެން ތިބި އެންމެންނަކީވެސް އެއަތޮޅު ގެމަނަފުށީ މީހުންކަމަށް އެންއީއޯސީން ވިދާޅުވެއެވެ.
މިކަމާއި ގުޅިގެން ގެމަނަފުށީގައި ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެރަށުކައުންސިލުން ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ގެމަނަފުށީގައި ހޯމް ކަރަންޓިންގައިތިބި އެއްވެސް މީހެއްގެ ސާމްޕަލް ނަގާފައިނުވާކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.
މާމެންދުއާއި ގެމަނަފުށީގައި ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެމަސައްކަތް ނިމުމުން ދެންއިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭނަމަ އެކަން ނިންމާ އަންގާނެކަމަށްވެސް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ.