ސިޔާސީ

ޕަބްލިކް ސަރވިސް މީޑިޔާގެ މަޖިލިސް ޗެނަލްގެ ޚިދުމަތް ދޭންފަށައިފި


ޕަބްލިކް ސަރވިސް މީޑިޔާގެ މަޖިލިސް ޗެނަލްގެ ޚިދުމަތް ދޭންފަށައިފިއެވެ.މިއީ ރައްޔިތުންގެ މަޖިލީހަށް ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހާ ގުޅުންހުރި މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމުން އުފެއްދި ޗެނަލެކެވެ.ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކާއި ފާސްކުރާ ބިލްތަކުގެ މަޢުލޫމާތު މިޗެނަލް މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދޭނެއެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ވިދާޅުވީ، މިޒަމާނުގައި މީޑިއާގައި މަސައްކަތްކުރައްވާ ފަރާތްތަކަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ވަރަށް މުރާލިބައެއްކަމަށާއި، މީޑިއާގެ ދާއިރާ ހަރުދަނާކުރައްވާ މައުލޫމާތު ފެތުރުމުގެ ވިއުގަ ތަރައްގިކުރުމަށް ޕަބްލިކް ސާވިސް މީޑިއާއިން ކުރައްވާ އަގުހުރި މަސައްކަތް ފާހަގަކުރައްވާކަމަށެވެ. އަދި ޤައުމުގެ ތަރައްގީގައި މީޑިއާގެ ދައުރު ވަރަށް މުހިއްމުކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.މިޗެނަލާ ބެހޭގޮތުން ޕަބްލިކް ސަރވިސް މީޑިޔާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލު ވިދާޅުވީ ޕީއެސްއެމްގެ މިހާޅަފަތުގައި މަޖިލީހަށް ޚާއްސަކޮށް ޗެނަލެއް ހެދުމަށް އިސްކަންދިން ސަބަބުތައް ގިނަކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތްތައް ކައިރިން ރައްޔިތުންނާ ހަމައަށް ގެނެސްދިނުން އެއީ މީގެ ތެރެއިން މުހިންމު އެއް ސަބަބުކަމަށެވެ.މިޗެނަލްގެ ޚިދުމަތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނޯންނަ ދުވަސްތަކުގައިވެސް ދެމުންގެންދާނެކަމަށް ޚަލީލު ވިދާޅުވިއެވެ. ޗެނަލާ ބެހޭގޮތުން ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިޔާގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލްލަތީފު ވިދާޅުވީ މިޗެނަލް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހާ ގުޅުންހުރި ހުރިހާ މަޢުލޫމާތެއް މެމްބަރުންވެސް ހިމެނޭގޮތުން ގެނެސްދިނުމަކީ މިޗެނަލް އުފެއްދުމުގެ އެއް ބޭނުންކަމަށެވެ.މިޗެނަލް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ސިއްރުކޮށްގެން ބާއްވާ ކޮމެޓީ ނޫން ހުރިހާ ކޮމެޓީތަކެއް ގެނެސްދެވޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހާ ގުޅުންހުރި އެކިކަހަލަ މަޢުލޫމާތުތައްވެސް މިޗެނަލުން ގެނެސްދެމުންދާނެއެވެ. މިޗެނަލް ފެންނާނީ މީޑިޔާ ނެޓްގެ 123ވަނަ ޗެނަލުންނެވެ.