ޚަބަރު

އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފި


ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ އެންގުމާއި ޚިލާފަށް އެއްވުންތަށް ބޭއްވުމަށް ރާވަމުންއަންނަކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެފަދަ އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާކަމަށެވެ.

އެޗްޕީއޭގެ އުސޫލުގައިވާގޮތުން ފުރަބަންދަށް ލުއިދީފައިވާ މަރުޙަލާގައި ވެސް، ޢާންމު ތަންތަނުގައި އެއްވެ އުޅެވޭނީ އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ ނުވާގޮތަށެވެ. ނަމަވެސް އެއާއި ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް ބޭއްވުމަށް ރާވަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް ސިއްޙީ ރައްކާތެރިކަން ކުރިއަށްނެރެ، ހުރިހާ އެންމެންވެސް އެޗްޕީއޭގެ އެންގުންތަކާއި އެކަށައަޅާފައިވާ އުސޫލުތަކަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ލޮކްޑައުންގައި ދޭ ލުއިތަކުގެ ދެވަނަ މަރުޙަލާ އާއިއެކު މިހާރު، ފުލުހުންގެ އެއްވެސް ހުއްދައެއް ނެތި ފަތިހު 05:00 އިން ރޭގަނޑު 10:00 އާއި ހަމައަށް ބޭރުގައި އުޅެވެއެވެ. ނަމަވެސް މި ގަޑިތަކުގައިވެސް ގްރޫޕް ހަދައިގެން، ނުވަތަ 3 މީހުންނަށް ވުރެ އިތުރަށް މީހުން އެއްވެ، އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް ވަނީ އަންގާފައެވެ.