ޚަބަރު

ނައިބު ރައީސް ފައިޞަލް ނަސީމް މާވެޔޮ މިސްކިތް ބައްލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް މާވެޔޮ މިސްކިތައް ޒިޔާރަތްކުރައްވާ އެ މިސްކިތް ބައްލަވާލައްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ނައިބު ރައީސް އިއްޔެ މާވެޔޮ މިސްކިތައް ކުރެއްވި ޒިޔާރާތުގައި އެ މިސްކިތް ހުރިހާ ފަންގިފިލާއެއް ބައްލަވާ ލެއްވިކަމަށެވެ.

ކުރިން 400 މީހުންގެ ޖާގައިގެ މާވެޔޮ މިސްކިތް ޒަމާނީ ފެންވަރަށް އިމާރާތްކޮށްދީފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަހާނުގެ އަމިއްލަ ހަރަދުގައެެވެ. މާވެޔޮ މިސްކިތް އަލުން އިމާރާތްކޮށްފައިވަނީ 2000 އެއްހާ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގައާއެކުއެވެ. މިސްކިތުގެ އިމާރާތް ހަދާފައިވަނީ 6 ފަންގިފިލާއަށެވެ. މިސްކިތުގެ އިމާރާތުގައި ނަމާދުކުރާ ބައިގެ އިތުރުން، އިދާރީ މަސައްކަތް ކުރުމަށް ބައެއް ފަންގިފިލާތައްވަނީ ހާއްސަކޮށްފައެވެ.

މާވެޔޮ މިސްކިތުގައި ފިރިހެނުންނަށް ޚާއްސަ ބައެއްގެ އިތުރުން، އަންހެނުންނަށް ނަމާދު ކުރަން ޚާއްސަ ބައެއް ކަނޑައަޅާފައިވާއިރު ނަމާދުކުރާ ބައިތައްވަނީ އެސީކޮށްފައެވެ. އަދި މިސްކިތުގައި ވަނީ ލިފްޓްވެސް ބަހައްޓާފައެވެ. މާވެޔޮ މިސްކިތް އެޅުމަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.

މާވެޔޮ މިސްކިތް ނިންމާ އެ މިސްކިތް މިއަދު ރަސްމީކޮށް މިނިސްޓްރީއާއި ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކުރިން ވިދާޅުވެއެވެ. އަދި މި މިސްކިތް އާއްމުކޮށް ހުޅުވާލާނީ މާލޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަދިނުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.