ޚަބަރު

އެގާރަ ހާހަށްވުރެ ގިނަ މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީންދެނީ


ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ހުރިހާ މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ނުވަތަ ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޔުނިސެފާއި ދިވެހި ރެޑްކްރެސެންޓް ގުޅިގެން ފެށި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މިހާތަނަށް 407 މުދައްރިސުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީން ދީފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން އެގާރަ ހާހަށްވުރެ ގިނަ މުދައްރިސުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމަކީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެކިގޮތްގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ. ސްކޫތައް އަލުން ހުޅުވުމުން ދަރިވަރުން އެންމެ ފުރަތަމަ ބައްދަލުވެ ވާހަކަ ދައްކާނޭ ބަޔަކަށް ވެގެންދާނީ ޓީޗަރުންނަށް ވެފައި، ޓީޗަރުންނަކީ ދަރިވަރުންނަށް މިކަމާ ގުޅިގެން ދިމާވާ ހާސްކަމަށް ވީހާވެސް އަވަހަކަށް އެހީތެރިކަން ފޯރުކޮށްދެވޭނޭ ފަދަ ޤާބިލް ބަޔަކަށް ހެދުމަކީވެސް މި ޕްރޮގްރާމްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ތަމްރީންގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަ ކުރުމާއި، އެފަދަ ދަރިވަރުންނާމެދު އަޅާލުމުގައި އަމަލުކުރަންވީ ގޮތާއި، އެފަދަ ދަރިވަރުންނަށް އެހީތެރި ވެވޭނެ ގޮތްތަކާއި މީގެ އިތުރުން ފަސްޓް އެއިޑް ދިނުމުގައި ތިމާ އަމިއްލައަށް ވިސްނަންޖެހޭ ކަންކަން ހިމެނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި މުދައްރިސުން ތަމްރީން ކުރުމަށްފަހު، ސްކޫލްތަކުގައި މަސައްކަތް ކުރާ ކައުންސެލަރުންނަށްވެސް އިތުރު ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކައުންސިލަރުން އިތުރަށް ތަމްރީން ކުރަނީ ސައިކޮލޮޖިކަލް ފަސްޓް އެއިޑް ދިނުމަށްފަހު އިތުރަށް އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަކޮށް އެދަރިވަރުންނަށް އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޫލްތައް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށްފަހުގައެވެ. އެގޮތުން މުދައްރިސުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީންތަކެއް ދިނުމަކީވެސް މި މަސައްކަތުގެ ދަށުން ކުރަމުންދާކަމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.