ޚަބަރު

ކޯވިޑް-19 : ގއ.މާމެންދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެއްޖެ


މާލެއިން ގއ.މާމެންދުއަށްގޮސް ހޯމް ކަރަންޓީންގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިމަހުގެ 13 ވަނަ ދުވަހު އެރަށަށްދިޔަ އުމުރުން 28 އަހަރުގެ ފިރިހެންމީހާ ޕޮޒިޓިވްވެފައިވަނީ އަލާމާތަކެއް ފެނިގެން ކޯވިޑް19އަށް ޓެސްޓުކުރުމުންކަމަށް އެންއީއޯސީންވަނީ ވިދާޅުވެފައެވެ. އޭނާއަކީ އާއިލާގެ މީހެއްގެ އެހީތެރިއެއްގެ ގޮތުގައި މެއި މަހުގެ 31 ވަނަ ދުވަހު މާލެއަށް އައި މީހެކެވެ. އަދި އޭނާ މީގެ ކުރިންވެސް މިބައްޔަށް ޓެސްޓްކޮށްފައިވާކަމަށާ، ނަމަވެސް އެ ޓެސްޓް އޭރު ނެގެޓިވްވެފައިވާކަމަށް އެސެންޓަރުން ވިދާޅުވެއެވެ.

އޭނާ ކޫއްޑޫއަށް ދަތުރުކުރި ފްލައިޓްގައި އޭނާގެ އާއިލާގެ ދެމީހަކާއެކު ޖުމްލަ 40 މީހަކު ދަތުރުކޮށްފައިވާކަމަށާއި ދެން ތިބި އެންމެންނަކީވެސް އެއަތޮޅު ގެމަނަފުށީ މީހުންކަމަށް އެންއީއޯސީން ވިދާޅުވެއެވެ.

ހޯމް ކަރަންޓީންގައި ހުއްޓާ އެމީހާ ޕޮޒިޓިވްވުމުން މާމެންދޫއާއި ގެމަނަފުށީގައި ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އެމަސައްކަތް ނިމުމުން ދެންއިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭނަމަ އެކަން ނިންމާ އަންގާނެކަމަށްވެސް އެންއީއޯސީން ވިދާޅުވެއެވެ.

މިމަހުގެ 13 ވަނަ ދުވަހު ގއ. މާމެންދުއާއި ގެމަނަފުއްޓަށް ދިޔަ އެންމެންވެސް ތިބީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ހޯމް ކަރަންޓީންކޮށްފައެވެ. މިއީ ގއ. އަތޮޅުން މިބައްޔަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.