ދާފި ފަހުން މަޤާމުން ވަކިވި ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ވެލިޒާ ޕޮޕޯވްއާ ދެކޮޅަށް މީޑިއާގައި ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އޭނާ ކޯޓަށް ދާން ނިންމައިފިިއެވެ.ޕޮޕޯވް މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނާނެ ކަމަށާއި، އޭނާއާ ގުޅުވައިގެން މީޑިއާގައި ފަތުރަމުންެދާ ދޮގު ވާހަކަތަކާ ގުޅިގެން ކޯޓަށް ދާން ނިންމާފައިވާ ކަމަށެވެ. އަދި ކޯޓަށް ގޮސް މައްސަލަ ކާމިޔާބުވެއްޖެ ނަމަ ބަދަލުގައި ލިބޭ ފައިސާ ހަދިޔާ ކުރާނީ ކުޑަކުދިންގެ ޖަމިއްޔާއަކަށް ކަމަށްވެސް ޕޮޕޯވްގެ ޓްވީޓްގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ޕީއެސްއެމްއާ ވާހަކަ ދައްކަމުން ޕޮޕޯވް ބުނީ އޭނާއަށްވެސް ދެއްކޭނެ ވާހަކަތައް އެބަހުރި ކަމަށާއި، ނަމަވެސް އޭނާ ރާއްޖެ ބަދުނާމު ވާ ގޮތައް އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވި ކަމަށެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނާނެ ކަމަށާއި، މިހާރު އެއާ ދެކޮޅަށް ތެދުވަން ޖެހޭ ވަގުތު އައިސް ޖެހިފައިވާ ކަމަށެވެ. ރާއްޖޭގެ އޮންލައިން ނޫހެއްގައި ޤައުމީ ޓީމްގެ ކުރީގެ ކުޅުންތެރިއަކާ ހަވާލާދީ ލިޔެފައިވާ ގޮތުން ޕޮޕޯވް އިސްލާމް ދީނާ ދެކޮޅު ވާހަކަތައް ކުޅުންތެރިންނާ ދެއްކުމާ އިސްލާމް ދީނަށް ފުރައްސާރަކޮށް ކުޅުންތެރިންނާ ޖޯކް ޖަހާކަމަށް ވަނީ ލިޔެފައެވެ. ޕޮޕޯވް ބުނީ އޭނާ ދަޢުވާ ކުރާނީ ވަކި ނޫސްވެރިއަކާ ދެކޮށެވެ. އަދި އޭނާއާ ދެކޮޅަށް ދައްކަމުންދާ ވާހަކަތައް ދޮގު ކުރަމުން ޕޮޕޯވް ބުނީ ހުރިހާ ކުޅުންތެރިން ކައިރީގަ އެހި ކަމުގައިވީ ނަމަވެސް އޭނާ އެފަދަ ވާހަކަތަކެއް ދައްކާފައިނުވާ ކަން އެނގި ހާމަވާނެ ކަމަށެވެ. މިދިޔަ ހަފްތާގައި ޤައުމީ ޓީމްގެ ކޯޗް ކަމުން ވެލިޒާ ޕޮޕޯވް ވަކިކުރީ ނަތީޖާ ނުނެރެވޭ ކަމަށް ބުނެއެވެ.