ޚަބަރު

ޖޭއެސްސީން ހަތަރު ގާޒީއެއްގެ ސީރިއަސް މައްސަލަތަކެއް ބަލަނީ


ފަސް ގާޟީއެއްގެ ސުލޫކީ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން އަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ބެލުމަށް ނިންމާފައިވަނީ

- ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް މުޙައްމަދު އިބްރާހީމް
- ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދު ﷲ ޢަލީ
- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް މުލްޙާ ޢަލީ
- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމް މުޙައްމަދު

ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމާ ގުޅޭ ގޮތުން ބަލަން ނިންމާފައިވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގައި ބަޔާންކުރާފަދަ އާއިލީ ގުޅުން އޮންނަ ފަރާތެއް އެކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ހަމަޖެއްސުމުގައި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް އިހުމާލުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދު ﷲ ޢަލީ އާ ގުޅޭ ގޮތުން ބަލަން ނިންމެވީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދަޢުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ޙާޟިރުވުމަށް ޢައްޔަންކޮށްފައިވާ ފަރާތް ކޯޓަށް ހާޟިރު ނުކޮށް މައްސަލަ ބާޠިލްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަަމަށް ޖޭއެސްސީ އިން ވިދާޅުވި އެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުލްޙާ ޢަލީގެ މައްޗަށް ސުލޫކީ ހަތަރު މައްސަލައެއް ބަލަން ވަނީ ނިންމާފައި އެވެ. އޭގެ ތެރޭގައި ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝާމިލްވާ އެކި ފަރާތްތަކާއެކު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާކަމުގެ ތުހުމަތާއި، ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދު މުއްދަތު ޖަހާފައިވަނިކޮށް އެ ބަންދު އަމުރު މުރާޖަޢާކޮށް ގޮތް ނިންމިކަމަށް ބުނެވޭ މައްސަލައެއް ހިމެނެ އެވެ. އަދި އާއިލީ ވިޔަފާރީގައި ޢަމަލީ ގޮތުން ބައިވެރިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި، ފުލުހުންގެ އިދާރާއިން ހިންގި ތަހުޤީޤަކަށް ހުރަސްއަޅައި ހެކި ނައްތާލަން މަސައްކަތްކޮށް ފަނޑިޔާރެއްގެ ޢަމަލުތައް ބަހައްޓައިގެން ނުވާނެ ފަދަ ގޮތަށް ޢަމަލުކުރިކަމަށް ބުނާ މައްސަލަ ވަނީ ބަލަން ނިންމާފައެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމް މުޙައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އަކީ މީހަކު ބަންދުގައި ބެހެއްޓުމާމެދު ގޮތް ނިންމިއިރު، ހަޤީޤަތާ ޚިލާފަށް އަދި ޒިންމާދާރުކަން ކުޑަގޮތެއްގައި ލިބިފައިވާ މައުލޫމާތު އޮޅޭގޮތަށް ޢަމަލުކުރި ކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލަތައް ތަޙްޤީޤުކުރުމަށް ޖޭއެސްސީގެ ކަމާބެހޭ ކޮމިޓީން ނިންމާފައިވާތީ އެ މައްސަލަތައް ތަޙްޤީޤުކުރާނެ ކޮމިޓީތައް އިއްޔެ ވަނީ ކޮމިޝަނުން ކަނޑައަޅާފައި އެވެ.

ޖޭއެސްސީން ވަނީ މީގެ ކުރިންވެސް ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށްފަހު ފިޔަވަޅުއަޅާފައި އެވެ.

ޢަލިބެ

ގަޒީންވެސް ކުރާ ނޭދެވޭކަންތައް ބަލާތާ ރަންގަޅު