ވިޔަފާރި

މިދިޔަ މަހު އެންމެ ގިނަ މުދާ އެތެރެކުރީ އިންޑިއާއިން


މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިންކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި މޭމަހު އިންޑިއާއިން ރާއްޖެއަށް 262 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މިއީ މިދިޔަމަހު އިމްޕޯޓްކުރި މުދަލުގެ 17 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ. އިމްޕޯޓްގެ 16 އިންސައްތަ ޗައިނާއިން އެތެރެކޮށްފައިވާއިރު، އެއީ 245 މިލިއަން ރުފިޔާގެ މުދަލެވެ. 3 ވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ސިންގަޕޫރުންނެވެ. އެއީ 177 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖޭގެ އެކްސްޕޯޓްގެ މައިގަނޑު ބާވަތަކީ މަހަށްވާއިރު، ރާއްޖެއިން މިދިޔަމަހު އެންމެ ގިނައިން އެކްސްޕޯޓްކުރި ޤައުމަކީ ތައިލެންޑެވެ. ޖުމަލް އެކްސްޕޯޓުގެ 46 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، އެއީ 87 މިލިއަން ރުފިޔާގެ މުދަލެވެ. ދެވަނައަށް އެންމެ ގިނައިން ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. އެއީ 20 މިލިއަން ރުފިޔާގެ މުދަލެވެ. 10 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރި ފްރާންސްއަކީ މިދިޔަމަހު ރާއްޖެއިން 3 ވަނަ އަށް އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ޤައުމެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަމަހު ލިބިފައިވަނީ 117 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 59 އިންސައްތައިގެ ދަށްވުމެކެވެ.